ތިމާވެށި

"ސްމާޓް ބިން"ގެ ޚިދުމަތް މިހާރު 24 ގަޑިއިރު ލިބޭނެ


ޕްލާސްޓިކް ފުޅި ރީސައިކަލްކުރުމަށް އާއްމުންނަށް ހިތްވަރުދީ، އެކަމަށް ބާރު އެޅުމުގެގޮތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީން މާލޭގައި ބަހައްޓާފައިވާ ރިވާރސް ވެންޑިން މެޝިންގެ ޚިދުމަތް މިހާރު ސައުއްވީސް ގަޑިއިރު ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބެހެއްޓި ރިވާރސް ވެންޑިން މެޝިން ބަހައްޓާފައިވަނީ މިދިޔަ ޖޫންމަހުގެ 6 ވަނަ ދުވަހުއެވެ. "ސްމާޓް ބިން"ގެ ނަމުގައި މި މެޝިން ބަހައްޓާފައިވަނީ ބޮޑުތަކުރުފާނު މަގު، ރަސްފަންނާވީ ފަޅިން އައި.ޖީ.އެމް.އެޗް އިމާރާތުގައެވެ. މި މެޝިނަށް ދުވާލެއްގެ މައްޗަށް 330 މިލިލީޓާރުން ފެށިގެން 1.5 މިލިލީޓަރާއި ދެމެދުގެ 538 ޕްލާސްޓިކް ފުޅި ލެވޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން މައުލޫމާތުދެއެވެ. އަދި ކޮންމެ ބްރޭންޑެއްގެ ފުޅިއަކަށްވިޔަސް މި މެޝިނަށް ލެވޭނެކަމަށާއި، ޕްލާސްޓިކް ފުޅި ރިސައިކަލް ކުރާ ފަރާތްތަކަށް ޙާއްސަ ޕޮއިންޓުތަކެއް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން މި މެޝިން މެދުވެރިކޮށް ރީސައިކަލްކުރާ ކޮންމެ ފުޅިއަކަށް 0.15 ޕޮއިންޓް ލިބިގެންދާނެއެވެ. އަދި މި މެޝިނުން ލިބޭ ޕޮއިންޓުގެ މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް ލިބޭނެކަމަށާއި، އެޕް ބޭނުން ނުކުރާ ފަރާތްތަކަށް އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް ޕޮއިންޓް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި އެ ޕޮއިންޓަކީ ފަހުން ބޭނުންވެއްޖެ ހިދެއްގައި އެޕްލިކޭޝަން މެދުވެރިކޮށް ރިޑީމް ކުރެވޭނެ ޕޮއިންޓެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މިގޮތަށް ލިބޭ ޕޮއިންޓްތަކުން 30 ޕޮއިންޓް ހަމަވުމުން އެމް.ޑަބްލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާއިރު، މި އަދަދު ބިލުން އުނިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ނުވަތަ ފެން ހުސްކުރި ދިހަވަރަކަށް ފުޅި ރިސައިކަލްކޮށްފިނަމަ، ފެންފުޅިއެއް ހިލޭ ލިބޭނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކުންފުނިން ފެށި މި މަސައްކަތުގެ ދަށުން މިއަހަރުގެ ނިމުމުގެ ކުރިން ހުޅުމާލޭ ސެންޓަރަލް ޕާކުގައިވެސް މިފަދަ ރިވާރސް ވެންޑިން މެޝިނެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.