ޚަބަރު

ޕެންޝަން އެޑްމިނިސްޓްރޭޝަން ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަނީ





 


ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ އަތުން ނަގަމުން އަންނަ އެޑްމިނިސްޓްރޭޓިވް ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ނިންމައިފިއެވެ.


 
އެ އޮފީހުން ބުނީ ރިޓަޔަމަންޓް ޕެންޝަންސް ސްކީމުގެ ބައިވެރިންގެ އަތުން ފީގެ ގޮތުގައި ކޮންމެ އަހަރަކު އެ ބައިވެރިއެއްގެ އެކައުންޓްގައި ހުރި ޖުމްލަ އަދަދަދުގެ އެއްޕަސެންޓް ނަގަމުންދާ ކަމަށާއި މި އަދަދު ސުމެއް ޕޮއިންޓް ނުވައެއް ޕަސެންޓަށް ކުޑަކުރުމަށް ޕެންޝަންސް އޮފީހުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މި ފީ އަކީ ޕެންޝަން އޮފީސް ހިންގުމަށާއި ކަސްޓޯޑިއަންގެ ފީއަށާއި އަދި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ނެގޭ ފީއެއްކަމަށް ޕެންޝަނާއި ބެހޭ އޮފީހުން ބުނެއެވެ.


 
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ ރިޓަޔަމަންޓް ޕެންޝަންސް ސްކީމް ފެށުނީއްސުރެ ފަންޑު ކުރިއެރުމަށާއި ސްކީމުން ކުރަންޖެހޭ ޚަރަދުތަކަށް ރިއާޔަތްކޮށް އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާ މިންވަރު މުރާޖަޢާ ކުރަމުންދާނެކަމަށެވެ.


 
ކުރިއަށް އޮތް ތަނުގައިވެސް ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެނެވޭނެކަމަށް އެ އޮފީހުން ބުނެއެވެ.


 
ޕެންޝަނާ ބެހޭ ޤަވާއިދުގައިވާ ގޮތުން ވަޒީފާ އަދާކުރާ އުމުރުން ސޯޅައަހަރާއި ފަސްދޮޅަސް އަހަރާއި ދެމެދުގެ، ކޮންމެ މުވައްޒަފަކު ޕެންޝަން ސްކީމްގައި ބައިވެރިކޮށް އެމުވައްޒަފުންގެ ފަރާތުން ރިޓަޔަރމެންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ.


 
 


މި ގަވާއިދުގައިވާގޮތުން މިސްކީމްގައި ހިމެނޭ މުވައްޒަފެއްގެ އެކައުންޓަށް ކޮންމެ މަހަކުވެސްމުއައްޒަފުންގެ މުސާރައިން މަދުވެގެން ހަތެއް އިންސައްތަ އެމުވައްޒަފަކު އަދި ހަމަ އެއަދަދަށް އެމުއައްޒަފަކަށް ވަޒީފާ ދިން ފަރާތުން ޕެންޝަން ސްކީމަށް ދައްކަން ޖެހޭނެއެވެ.