އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންނާ އެކު އެމެރިކާއިން ސީދާ މަޝްވަރާތައް ބޭއްވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ މިޝަންގެ އިސްވެރިޔާ ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތައް ނޭޓޯގެ މިޝަނުން ދޮގުކޮށްފިއެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ މިޝަންގެ އިސްވެރިޔާ ޖެނަރަލް ޖޯން ނިކޮލްސަނާ ހަވާލާދެއްވާ މީޑިއާގައި ދައުރުވެފައިވާ ރިޕޯޓްތައް ބުނާގޮތުން، ޠާލިބާނުންނާއެކު ސީދާ މަޝްވަރާތައް ކުރުމަށް ފުރަތަމަ ހުށަހަޅުއްވާފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއެވެ.
މިކަން ދޮގުކުރައްވާ ޖެނެރަލް ނިކޮލްސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިކަމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް އޮޅުވާލާފައިވާކަމަށެވެ. ތާލިބާނުންނާ އެކު މަޝްވަރާކުރަން ޖެހޭނީ އަފްޣާނިސްތާނުގެ ރައްޔިތުން ތަމްސީލުކުރާ ފަރާތެއް ކަމަށާއި އެމެރިކާއަކީ އެ ފަރާތް ނޫންކަމަށް، އޭނާ ވިދާޅުވިއެެވެ. ބައިނަލްއަޤުވާމީ ފަރާތްތަކާއި އަފްޣާނިސްތާނުގެ ސަރުކާރާ ތާލިބާނުންނާ އެކު ގުޅިގެން މަސައްކަތް ކޮށް ދާއިމީ ގޮތެއްގައި ސުލްޙަ ޤާއިމުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ތާލިބާނު ޖަމާޢަތުން މީގެ ކުރިން ވަނީ އެ ޤައުމުގެ ސަރުކާރާ އެކު މަޝްވަރާކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އެޖަމާޢަތުން ބޭނުންވަނީ އެމެރިކާއާއެކު މަޝްވަރާ ކުރުމަށް ކަމަށްވެސް ޠާލިބާނުން ވަނީ ބުނެފައެވެ.