މޯލްޑިވްސް ޕޮލިސް ސާވިސްއިން އައްޑޫ ސިޓީގައި ހިންގި ސެޓްފިކެޓް ލެވެލް 3 ގެ ޓްރެފިކް މެނޭޖްމަންޓު ކޯސް ނިންމާލައިފިއެވެ.
މި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓިފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫނު ރަޝީދެވެ.
އައްޑޫ ސިޓީ ކައުންސިލް ހޯލްގައި ރޭ ބޭއްވި ސެޓިފިކެޓު ދިނުމުގެ ރަސްމިއްޔާތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަސްޢޫދު ވެސް ބައިވެރިވިއެވެ. މަސްޢޫދު ވިދާޅުވީ، ކޯހުގައި ކިޔަވައިދިނީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޓްރެފިކާ ގުޅުންހުރި ޤާނޫނާއި ޤަވާއިދުތައްކަމަށެވެ. އެގޮތުން އެއްގަމު ދަތުރު ފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި މިހާރު ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަތުމައް ފުލުހުން ޢަމަލު ކުރަމުންދާ އުޞޫލުތައް ފުލުހުންނަށް ކިޔައިދީފައިވާނެކަމަށެވެ.
މީގެ އިތުރުންވެސް ޓްރެފިކް މައްސަލަތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ ޢިލްމުތަކާއި ޖެނެރަލް ފިޒިކްސްގެ ތެރެއިން އެކްސިޑެންޓްތައް ތަޙުޤީޤު ކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި، އޮޓޯމޯބައިލް މެކޭނިކްސްގެ ތެރެއިން ވެހިކަލްތަކާއި ބެހޭ އިލްމުވެސް ކޯހުގައި ކިޔައިދީފައިވާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަސްޢޫދު ވިދާޅުވިއެވެ. އަދި މަގުމައްޗާއި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ ތަކެއތި ތަރުތީބު ކުރުމާއި ޢާއްމުން ހޭލުންތެރި ކުރުމަށާއި ފުލުހުންގެ ތަމްރީނުތަކުގައި ބޭނުން ކުރެވިދާނެ ޢިލްމާއި ހުނަރުވެސް މިކޯހުގެ ތެރެއިންވަނީ ކިޔަވާދިންކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު މަސްޢޫދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ބޭއްވި މި ކޯހަކީ ދިވެހި ރާއްޖޭގެ އެމް.ކިއު.އޭގެ އެޕްރޫވްކޮށްގެން ފުލުހުން ހިންގާ ލެވެލް 3 ގެ ކޯހެކެވެ. 3 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހުގައި 30 ފުލުހުން ބައިވެރިވިއެވެ.
ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ޙާލަތު ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ރިޕޯރޓް ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި އައްޑޫ ސިޓީގެ ހައުސިން އެންޑް އިންފުރާސްރަކްޗާރ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޙަވާލުކޮށްފައެވެ.
އައްޑޫ ސިޓީގައި ހިންގި ސެޓްފިކެޓް ލެވެލް 3 ގެ ޓްރެފިކް މެނޭޖްމަންޓު ކޯހަކީ، ރަށް ރަށުގެ މަގުތަކަކީ އަމާން، ރައްޔިތުންނަށް ސަލާމަތް ތެރިކަމާއެކު އުޅެވޭނެ ތަނަކަށް ހެދުމަށާއި، ޓްރެފިކް މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ޓުރެފިކް މެނޭޖްމަންޓް ދާއިރާއިން ފުލުހުންގެ އިލްމާއި ހުނަރު އިތުރު ކުރުމުގެ މަޤްޞަދުގައި ހިންގާ ކޯހެއްކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.