ޚަބަރު

ހުރިހާ ސިއްހީ މަރުކަޒުތައް 2 އަހަރުތެެރޭ ޓެލްމެޑިސިން ނެޓްވޯކަކުން ގުޅާލާނަން - ރައީސް


ކުރިއަށްއޮތް ރިޔާސީ ދައުރުގެ ފުރަތަމަ 2 އަހަރުދުވަހުގެ ތެރޭ ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތައް ޓެލެމެޑިސިން ނެޓްވޯކަކުން ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މ.އަތޮޅު ކޮޅުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ހުރި ޞިއްޙީ މަރުކަޒުތައް އެއް ފެންވަރަކަށް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށާ ކުރިއަށްއޮތް 2 އަހަރުދުވަހުގެތެރޭގައި ހުރިހާ ޞިއްޙީ މަރުކަޒުތައް ޓެލްމެޑިސިން ނެޓްވޯކަކުން ގުޅާލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ހަމަޖެހުމުން މާލޭގައި ތިބޭ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ވަގުތުން ގުޅާލައިގެން މުހިއްމު ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމް ރަށްރަށުގައިވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބޮޑެތި ބަދަލުތަކެއް އައިސް ކުރިން ރާއްޖެއިން ފަރުވާ ނުހޯދޭ އެތަކެއް ބަލިތަކަކަށް ފަރުވާދެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމާއި، ހިތުގެ ބަލިފަދަ އެތަކެއް ބަލިތަކަށް ފަރުވާ ހޯދަން ދިވެހިން މިހާރު ރާއްޖެއިން ބޭރަށްދާން ނުޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލޭގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މުޅިންނިމުމުން، ބަލިތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދިއުމަށް ނިމުމެއް އަންނާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ މުސްތަޤުބަލުގައި ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައްވެސް އެފެންވަރަށް ބަދަލު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުފުއްޓާއި ދިއްގަރާއި މުއްޔަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫޢުތަކެއް ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ. އެގޮތުން މި ތިން ރަށުގެ ބަނދަރުގެ އިތުރުން ދިއްގަރާއި މުލީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.