ކުޅިވަރު

ކޮލަމްބިއާ ސްޓައިލަކީ އަހަރުމެންނަށް އެޑްވާންޓޭޖެއް: ސެނަގާލް


ކޮލަމްބިއާ ކުޅޭ ސްޓައިލްގެ ގޮތުން ސެނަގާލް ޓީމަށް އެޑްވާންޓޭޖް އެބައޮތް ކަމަށް ސެނަގާލްގެ ކުޅުންތެރިން ބުނެފިއެވެ.
އެ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އެންޑިއާޔޭ ބުނީ ކޮލަމްބިއާ ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"ކޮލަމްބިއާ ކުޅެނީ އަހަރުމެންނާ ވަރަށް އެއްގޮތް ސްޓައިލަކަށް. އެމީހުން ވަރަށް ފިޒިކަލް ވާނެ. އެމީހުން ވަރަށް ހަލުވި. އަހަރުމެންނަށް އެނގޭ އަހަރުމެން މި މެޗުން ބަލިވެގެން ނުވާނެކަން. އަހަރުމެން ކޮލިފައިވާ ވަރަށް މަސައްކަތްކުރާނަން،" އެންޑިއާޔޭ ބުންޏެވެ.

ސެނަގާލްގެ ޙާލިދޫ ކުލިބާލޭ ބުނީ ކޮލިފައިވުމަށް ބޭނުންވާ ހުރިހާ ބާރެއް އޮތުމުން މެޗު ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރުމެން ވަރަށް މަސައްކަތް ކުރާނަން. މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އަހަރުމެންނަށް އެބައޮތް. ކޮލަމްބިއާ އަކީ ވަރަށް މޮޅު ކުޅުންތެރިން ގިނަ ޓީމެއް. އެކަމަކު އެމީހުން ބަލިކުރެވޭނެ،" ކުލިބާލީ ބުންޏެވެ.

ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމަން ބުނީ އޭނާގެ ޓީމަކީ ޓީމެއްގެ ގޮތުގައި ކުޅޭ ޓީމެއް ކަމަށާއި، މުބާރާތުގައި މިހާތަނަށް އޭނާގެ ޓީމު ދައްކާފައިވާ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އަހަރުމެންނަކީ ވަރަށް އެކުލުންތެރި ޓީމެއް. އަހަރުމެން ދައްކާފައިވާ ކުޅުމާމެދު ހިތްހަމަޖެހޭ. އަހަރުމެންނަށް މުބާރާތުގައި ހުރިހާ ގޮތަކުން ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު ކޮލަމްބިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސެނަގާލް އަށް ހަތަރު ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނާގައިވަނީ ޕޮއިންޓްގެ ގޮތުން ސެނަގާލްއާ ހަމަހަމަވެ، ފައިދާ ގޯލުގެ ތަފާތުން ޖަޕާނެވެ.