އާލާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގައި މިއަދު ކުޅުނު ދެ މެޗު ގްރޭންޑް ޕާރކް ކޮއްދިއްޕަރާއި، ކުރުނބާ މޯލްޑިވްސް ކާމިޔާބުކޮށްފިއެވެ.
ރީތިރަށުގައި ކުޅުނު މެޗު ކުރުނބާ މޯލްޑިވްސް ކާމިޔާބުކުރީ ފޯރސީޒަން ރިސޯރޓް މޯލްޑިވްސް އެޓް ކުޑަ ހުރާއާ ވާދަކޮށް ތިން ސެޓް ދެ ސެޓުންނެވެ. ކުރުނބާ މޯލްޑިވްސް މެޗުގެ ސެޓްތައް ގެންދިޔައީ 25-21، 20-25، 26-24، 13-25 އަދި 15-13 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުރުނބާ މޯލްޑިވްސްގެ ހަސަން ޞޮލާހުއެވެ.
ބަނޑޮހުގައި ކުޅުނު މެޗު ގްރޭންޑްޕާކް ކޮއްދިއްޕަރު ކާމިޔާބުކުރީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯރޓް އެންޑް ސްޕާއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގްރޭންޑް ޕާރކް ކޮއްދިއްޕަރު ގެންދިޔައީ 25-19، 25-20 އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރުގެ ލާހިރުއެވެ.
އިއްޔެ ފެށި މުބާރާތުގައި ބަނޑޮސް ވަނީ މީރު އައިލެންޑް ރިސޯރޓާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓްތައް ބަނޑޮސް ގެންދިޔައީ 25-15، 23-25، 25-21 އަދި 25-10 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އެވެ. އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ވެސް ކުޅެނީ ބަނޑޮސް ޓީމަށެވެ.
ރީތިރަށްވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ރީތިރަށުގައި ކުޅެ އެޓީމް މެޗު ކާމިޔާބުކުރީ ކުރުނބާއާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-18، އަދި 25-17 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރީތި ރަށުގެ އަލީ މައުރޫފެވެ.
މިޒޯންގެ ދެ މެޗު މާދަމާވެސް ކުޅޭނެއެވެ.