ވަރލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އުރުގުއޭ ބަލިކުރަން ބޭނުންވާ ކަމަށާއި، އޭނާގެ ޓީމުގެ އަމާޒަކީ ގްރޫޕުގެ އެއްވަނަ ހޯދުން ކަމަށް ރަޝިޔާގެ ކޯޗު ސްޓަނިސްލާވް ޗެރްސެސޯވް ބުނެފިއެވެ.
"އަހަރުމެންގެ ފުރަތަމަ 11 ވެސް ބަދަލެއް ނުކުރާނަން. އަހަރުމެންގެ ވިސްނުމަކީ މެޗު ކާމިޔާބު ކުރުން. އަހަރެންގެ މެޑިކަލް ޓީމުން ވެސް އޮތީ ބުނެފައި ފުރަތަމަ 11 ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް،" ކޯޗު ބުންޏެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ރަޝިޔާ އޮތީ ގްރޫޕް އޭގެ އެއްވަނާގައެވެ. ސައުދީ އަރަބިއާ އަތުން 5-0 ން އަދި މިސުރު އަތުން 3-1 ން މޮޅުވެފައިވާއިރު މެޗު އެއްވަރުކޮށްގެންވެސް ރަޝިޔާއަށް ގްރޫޕުގެ އެއްވަނަ ލިބޭނެއެވެ. އެއީ ގޯލުގެ ތަފާތުން އުރުގުއޭ އަށްވުރެ މިހާރު ވެސް ކުރި ލިބޭތީއެވެ. ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، އުރުގުއޭ ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ.
އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ރަޝިޔާ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި، ނަމަވެސް އެއީ އޭނާގެ ޓީމަށް ނުކުރެވޭ ވަރުގެ ކަމެއްނޫން ކަމަށެވެ.
"އަހަރުމެން ވެސް ބޭނުމީ އެއްވަނަ. އެ މަޤާމު ލިބުނީމަ އެބަހުރި އެޑްވާންޓޭޖްތަކެއް. އެކަމަކު ފުޓްބޯޅަ އަކީ 11 މީހުން ކުޅޭ އެއްޗަކަށްވާތީ ދެ ވަނަ ބުރުގައި ކޮންމެ ޓީމަކާ ޖެހުނަސް މައްސަލައެއްނެތް،" ކޯޗު ބުންޏެވެ.
ރަޝިޔާ ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމު ދެ ވަނަ ބުރުގައި ކުޅޭނީ ގްރޫޕް ބީގެ ދެ ވަނަ ޓީމާއެވެ. އެ ބަޔަކަށްވާނެ ކަމަށް ބެލެވެނީ ސްޕޭން ނުވަތަ ޕޯޗުގަލްއެވެ.
މި މެޗަށް ނުކުންނައިރު އުރުގުއޭގެ ހޯސޭ ޖިމިނޭޒަށް ނުކުޅެވޭނެއެވެ. އޭނާގެ ފަޔަށް ހާނިއްކަވެފައިވާއިރު، ރަޝިޔާ ޓީމުން ނުކުޅެވޭނީ ފުރަތަމަ މެޗުގައި އަނިޔާވެގެން ބޭލި އެލަން ޒަގޮއޭވްއަށް އެކަންޏެވެ.
ރަޝިޔާއާއި އުރުގުއޭ ވާދަކުރާ މެޗު ފަށާނީ މިރޭ 7 ޖަހާއިރުއެވެ. ޕީއެސްއެމް ކަވަރޭޖް 5:30 ގައި ފަށާނެއެވެ.