މި ސަރުކާރުން މިއަދު ކުރާ މަސައްކަތަކީ ޤައުމުގައި ނެތް ފައިސާ ހޯދައިގެން ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ ކ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކ. ތުލުސްދޫއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ތުލުސްދޫ ބަނދަރު ހުޅުވާދެއްވުމަށްފަހު އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ގެނެސްދިނުމަށް ފަސްޖެހުނު ތަރައްޤީ މި ހަތަރު އަހަރުދުވަހުގެ ތެރޭގައި އެމަނިކުފާނު ސަރުކާރުން ގެނެސް ދެއްވަމުން ގެންދަވާކަމަށެވެ.
މި ސަރުކާރުން ހިންގަމުން އަންނަ ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން ގެންދަނީ ބޮޑެތި ދަރަނިތަކެއް ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވަމުންކަމަށް ބުނެ އިދިކޮޅު ފަރާތަކުން ދައްކަމުން ގެންދަވާ ވާހަކައަށްވެސް ރައީސް ޔާމީން ވަނީ ރައްދުދެއްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ރަށެއްގެ ތަރައްޤީއަށް ކުރާ މަސައްކަތައް ހޭދަކުރާނެ ފައިސާ ނެތިއްޖެނަމަ ލޯނު ނަގައިގެންވެސް އެ ތަރައްޤީ ގެނައުމަށް ނޭދޭނެ ރައްޔިތަކު ނުހުންނާނެކަމަށެވެ. އަދި ވިސްނުމަކީ އަދިވެސް ދަރަނި އިތިރުކުރުންކަމަށާއި ދަރަނި ނަގައިގެންވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ވާދަކުރަން ނުކުންނަށް ކިޔާ ފަރާތްތަކުގެ ވިސްނުން ހުރިވަރު އެގިގެންދާކަމަށެވެ. އެގޮތުން ސަރުކާރުގެ ދަރަނިތައް އަދާކުރާނެ ގޮތެއް އެ ބޭފުޅުންގެ ހިޔާލުފުޅުގައި ނެތްކަން އަމިއްލަފުޅަށް އިދިކޮޅު ފަރާތަކުން އިއުތިރާފުވެޑައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ކުރިއަށް ގެންދާ މަޝްރޫއުތައްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.