މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފިތުރު ޒަކާތް ބަލައިގަތުން މިއަދު ހުއްޓާލައިފިއެވެ.
މިނިސްޓްރީން ޒަކާތް ބަލައިގަތުން މިއަދު މެންދުރު އެކެއް ޖެހިއިރު ހުއްޓާލާފައިވާއިރު އުރީދޫ، ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކުންވެސްވަނީ ޒަކާތް ބަލައިގަތުން ހުއްޓާލާފައެވެ. އެހެންނަމަވެސް ދިރާގުން އެސްއެމްއެސް މެދުވެރިކޮށް މިރޭ ބާރަ ޖެހުމާއި ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު މާލޭގައި ދައްކަންޖެހޭނީ އާދައިގެ ހަނޑުލުން ނަމަ ދިހަ ރުފިޔާ، ތައިލޭންޑް ހަނޑުލުންނަމަ ސާޅީސް ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ ހަތްދިހަ ރުފިޔާއެވެ.
އަތޮޅުތަކުގައި ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެރަށަކުން ގަންނަން ލިބޭ އަގަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.
މިހާތަނަށް ޒަކާތުގެ ގޮތުގައި މާލެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއީ ސާޅީސް އަށްހާސް ހަތްސަތޭކަ ނުވަދިހައަށްވުރެ ގިނަ މީހުން ދެއްކި ފައިސާއެވެ.
މީގެ އިތުރުން ރަމަޟާންމަހުގެ ހަތާވީސް ވަނަ ދުވަހުގެރޭ ނުވަޔެއް ޖަހާއިރު ޒަކާތް ދޫކުރަން ފަށާނެއެވެ. އަދި އަށާވީސް، ނަވާވީސް މިދެދުވަހު ހެނދުނު ދިހަގަޑިތިރީހުން ފެށިގެންވެސް ޒަކާތް ބެހުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ޒަކާތުގެ ފައިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީންނާއި، އެޗްޑީސީ އާއި ވިލިމާލޭ އޮފީހުންނެވެ. އަދި ރަށްރަށުގައި މިފައިސާ ދޫކުރާނީ އެމީހަކު ނަންނޯޓުކޮށްފައިވާ ކައުންސިލް އިދާރާއަކުން ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.