ކުޅިވަރު

އުރުގުއޭ މޮޅުވެ ދެވަނަ ބުރަށް


ޤައުމީ ޓީމަށް ކުޅެދިން ސަތޭކަ ވަނަ މެޗުގައި ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ސައުދީ އަރަބިއާ މުބާރާތުން ކަޓުވާލާ އުރުގުއޭ މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ސައުދީ އާއި އުރުގުއޭ ބައްދަލުކުރި މެޗު އުރުގުއޭ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.
މިމެޗުގައި ފޯވާޑް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން ސަތޭކަ މެޗުގައި ފަންސާސް ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި ސައުދީ ކޮޅަށް ސުއަރޭޒް ޖެހި ލަނޑަކީ ސުއަރޭޒް ކުޅުނު ތިން ވޯލް ކަޕްގައި ޖެހި ހަ ވަނަ ލަނޑެވެ.
މިނަތީޖާ އާއެކު އުރުގުއޭގެ އިތުރުން ރޭ އިޖިޕްޓް މުބާރާތުން ކަޓުވާލި ރަޝިއާވެސް ވަނީ މުބާރާތުގެ ދެވަނަ ބުރު ޔަގީންވެފައެވެ.

އުރުގުއޭ އަށާއި ރަޝިއާއަށްވެސް ކުޅުނު ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި މިގްރޫޕްގެ އެއްވަނަ ލިބިގެންދާނީ ގްރޫޕްގެ ފަހު މެޗުގައި ރަޝިއާ އާއި އުރުގުއޭ ބައްދަލުކުރާ މެޗުން މޮޅުވާޓީމަކަށެވެ. މިމެޗު އެއްވަރު ވެއްޖެނަމަ ކުރި ލިބޭނީ ރަޝިއާއަށެވެ.

ދެވަނަ ބުރުގައި މިގްރޫޕްގެ އެއްވަނަ ހޯދާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް އާއި ސްޕެއިން ހިމެނޭ ގްރޫޕް ބީގެ ދެވަނަ އަށްދާ ޓީމަކާއެވެ.