މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުން އިންގްލޭންޑަށް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދައިފިއެވެ.
ގްރޫޕް ޖީގައި އިންގްލޭންޑާއި ޓޫނީޝިއާ ބައްދަލުކުރި މެޗު އެކެއް އެކަކުން އެއްވަރުވެގެން ނިމެން ދަނިކޮށް އިންގްލޭންޑަށް މެޗުން މޮޅުކޮށްދިން ލަނޑު ހެރީ ކޭން ކާމިޔާބުކޮށްދިނީ ނުވަދިހަ މިނެޓުގެ ކުޅުން ހަމަވިފަހުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް އިންގްލޭންޑް މިލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. ފުރަތަމަ ލަނޑު ކޭން ކާމިޔާބުކުރީ މެޗުގެ އެގާރަ ވަނަ މިނެޓުގައި ލިބުނު ކޯނަރެއް ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ދެވަނަ ފަހަރަށް ގޯލް ކުރިމަށްޗަށް ވެއްޓުމުން އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޫނީޝިއާއިން ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ ސަސީއެވެ.
އަދި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ކޭން އިންގްލޭންޑަށް މެޗުގައި ތިން ޕޮއިންޓު ޔަގީންކޮށްދިނީ ކޭން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މި ގްރޫޕްގެ ހުރިހާ ޓީމެއްވެސް މެޗެއް ކުޅުނު އިރު ގްރޫޕް އެއްވަނާގައި ތިން ޕޮއިންޓާއި ފައިދާ ތިން ގޯލައެކު އޮތީ ބެލްޖިއަމެވެ. އަދި އިންގްލޭންޑަށް ތިން ޕޮއިންޓާ ފައިދާ އެއް ގޯލާއެކު އޮތީ ދެވަނާގައެވެ.
އިންގްލޭންޑަށް ގްރޫޕްގައި ދެން ކުރިއަށް އޮންނާނީ މުބާރާތައް އަލަށް ކޮލިފައިވި ޕެނެމާ އާއި ބައްދަލުކުރާ މެޗެވެ.