އާންމުކޮށް އެއްގޮތަކަށް ބަތްތައްޔާރުކޮށް ކެއުމަކީ ފަހަރެއްގައި ފޫހިކަމަކަށް ވެދާނެއެވެ. އެހެންކަމުން މިއީ ތަފާތުގޮތަކަށް ބަތްގަނޑެއް ތައްޔާރުކުރަން ބޭނުންމިއްޔާ އިންސާފުކޮށްލަން ރަގަނޅު ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި :
1 ފިޔާ ( ކުދިކޮށް ކޮށާފައި )
1 ރަތް ބެލް ޕެޕަރ ( ކުދިކޮށް ކޮށާފައި )
ސޮސެޖް ( ކުދިކޮށް ކޮށާފައި، ހުސް ތެޔޮކޮޅެއްލާ ރޯފިލުވާފައި )
25ގ ބަޓަރު
2 ސައިސަމުސާ އެކްސްޓްރާ ވާރޖިން އޮލިވް އޮއިލް
2 ލޮނުމެދުކޮޅު ( ކުދިކޮށް ކޮށާފައި )
1 މޭޒުމަތީ ސަމުސާ ތެޅި މިރުސް
8 ކުކުޅު ފައި ކުދިފައި ( ހަމާއެކު )
1 1/3 ޖޯޑު ބާސްމަތީ ހަނޑޫ
400ގ ޓޮމާޓޯ ( ކުދިކޮށް ކޮށާފައި )
1 ¼ ޖޯޑު ޗިކަން ސްޓޮކް ( ހޫނު ފެނުގައި ގިރާފައި )
½ ޖޯޑު ލުނބޯ ހުތް
1 ޖޯޑު ގްރީން ޕީޒް ( ގަނޑުކޮށްފައިހުރި )
ގާރނިޝްކުރަން ޕާސްލީ ( ކުދިކޮށްކޮށާފައި )
ތައްޔާރުކުރާނެ ގޮތް :
ފުރަތަމަ 180 ޑިފްރީގައި އަވަން ހޫނުކުރަން ޖައްސާށެވެ.
ދެން ފުންކޮށް ހުންނަ ޓްރޭއެއްގެ އެންމެ އަޑީގައި ތެޔޮކޮޅެއްލައި، ފިޔާ، ބެލް ޕެޕަރ އަދި ސޮސެޖުކޮޅު އަތުރާލާށެވެ. މިއެއްޗެއްސާއެކު ޓްރޭ އަވަނަށްލާ ވިހި މިނެޓު ފިހެލާށެވެ. ދެން އަވަނުން ޓްރޭ ނެގުމަށްފަހު، ޓްރޭގައި ހުރި އެއްޗެހީގެ މައްޗަށް ތެޅިމިރުސް އަދި ލޮނުމެދު އަޅާ އެއްކޮށްލުމަށްފަހު އަނެއްކާވެސް 10 މިނެޓު އަވަނަށްލައި ފިހެލާށެވެ.
މިއަށްފަހު ޓްރޭގެ އެއްކައަރިއަށް ކުކުޅުފައިތައް ޖައްސާލާފަ، އަނެއްފަޅިއަށް ހަނޑޫ، ޓޮމާޓޯ، ޗިކަން ސްޓޮކް އަދި ލުނބޯ ހުތް އަޅާ އެއްކޮށްލުމަށްފަހު ހަނޑޫތައް މުޅި ޓްރޭއަށް ފަތުރާލާފަ އޭގެ މަތީގައި ކުކުޅުފައިތައް އަތުރާލާފަ އަވަނަށްލާ 20 މިނެޓު ކައްކާލާށެވެ. އަނެއްކާވެސް އަވަނުން ޓްރޭ ނަގާ ކުކުޅުތައް އެއްކައަރިކޮށްލާފައި، ބަތްގަނޑު މިކްސްކޮށްލާށެވެ. އަދި އަނެއްކާވެސް ބަތްގަނޑު ޓްރޭގައި ފަތުރާލާފަ ކުކުޅުފައިތައް އޭގެ މައްޗަށް އަޅާ 15-20 މިނެޓާ ދެމެދު އަވަނުގައި ފިހެލާފައި، އެންމެ ފަހު ފަސްމިނެޓުގެ ތެރޭ ގްރީން ޕީޒްތައް ޓްރޭމައްޗަށް އަތުރާލާފަ އަވަނަށްލައި ފިހާށެވެ. މިހާރު ބަތްގަނޑު މިހުރީ ތައްޔާރުވެފައެވެ. ޕާސްލީކޮޅު އަދި ލުނބޯ ފޮތިތައް ގާނިޝްކުރުމަށް އަތުރާލާށެވެ.