ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ހުވަދު އަތޮޅު އުތުރުބުރި މާމެންދޫ ރަތްމަސްގޭ އަލްއުސްތާޛް މުހުތާޒް މުޙްސިން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހުތާޒް މުހުސިން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ. ވޯޓްގައި ބައިވެރިނުވާ 12 މެމްބަރުން ތިއްބެވިއެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މުހުތާޒް މުހުސިންގެ އިތުރުން ހ. މީނާޒް މައުމޫން ހަމީދުގެ ނަން ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގައެވެ.
މިދެބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނިކޮށް ޕީޕީއެމްގެ ޕާލެމެންޓް ގްރޫޕުން ފަހުންވަނީ މުހްތާޒަށް ވޯޓްދޭން ތްރީލައިން ވިޕެއްނެރެފައެވެ.
އިދިކޮޅު އެމްޑީޕީއިންވެސް މިއަދު މުހްތާޒަށް ވޯޓްދީފައިވެއެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީވަނީ ވޯޓްގައި ބައިވެރިނުވާން ނިންމާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ބޭފުޅަކު މިއައްޔަންކުރީ ޕްރޮސެކިއުޓަރ ޖެނެރަލަކު ނެތި 6 މަސްދުވަސް ހޭދައިވެފައިވަނިކޮށެވެ.
ޕީޖީގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަހްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މުހުތާޒް މުހުސިނަށް ވޯޓު ދޭން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމުގެ ކުރިން އެމަގާމަށް މައުމޫން ހަމީދު އިސްކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނަށް ބާރުއަޅުއްވަމުންގެންދެވިއެވެ.
އެހެންނަމަވެސް ޕާލަމެންޓް ގްރޫޕްގެ ލީޑަރ ވިދާޅުވީ މުހްތާޒަށް ވޯޓްދެއްވަން މެމްބަރުން ނިންމެވީ އަމިއްލަފުޅަށް ކަމަށާއި އެޕާޓީއަކީ ޑިމޮކްރަސީއާއި އެއްގޮތަށް ކުރިއަށްދާ ޕާޓީއަކަށްވާތީ މެމްބަރުންގެ ނިންމެވުމަށް އިހްތިރާމްކުރަންޖެހޭކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ހ. ސަނޯރާމާ ޢައިޝަތު ޒާހިރާއަށް ވެސް މަޖިލީހުން ވަނީ ރުހުންދީފައެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ފޮނުއްވި މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އައްޔަން ކުރަން ފެންނަ ކަމަށް ވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.