ޚަބަރު

ފުވައްމުލަކުގައި މަޑް ބާތް ނެގިންތަ؟


ފުވައްމުލައް ސިޓީއަކީ، ދުނިޔޭގެ ދެބާހަމައިން ދެކުނަށް ރާއްޖޭގައި އޮންނަ ދެ އަތޮޅުގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. މިހާރަކަށް އައިސް މިރަށު ރައްޔިތުންނާއި މިރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އެންމެ މަޤްބޫލް އެއްކަމަކީ މިރަށުގައި އޮންނަ ޗަކަސްގަޑަށް އެރި މަޖާކުރުމެވެ.

މީހުން ދިރުޅޭ ހިސާބާ ދުރުގަ އޮންނަ މިސަރަޙައްދަކީ ބަންޑާރަކިޅިއާއި ދަނޑިމަގިކިޅީގެ ދެމެދުގައި އޮންނަ ތަނެކެވެ. ކޮޑަކިޅީއޭ ކިޔާ މިތަނަކީ މިރަށުގައި ޒަމާނުއްސުރެ އޮންނަ ތަނެއްކަން ތާރީޚީ ފޮތްތަކުން އެނގެއެވެ. އެހެން ނަމަވެސް ކޮޑަކިޅިއަށް އެރޭ މީހުންގެ އަދަދު ގިނަވެ، މިތަނުގެ މަޤްބޫލްކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮޑަކިޅިއަށް އެރި ނަގާފަ ހުންނަ ފޮޓޯތަށް ސޯޝަލް މީޑިޔާގައި ވަރަށް އާންމެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފަހުން ފުވައްމުލަކަށް ދިޔަ ދަތުރުގައި ކޮޑަކިޅިއަށް އެރި، އާންމުކޮށް ކިޔާގޮތުންނަމަ، "މަޑް ބާތު" ތަޖުރިބާ ކޮށްލީމެވެ.

އަޅުގަނޑާއެކު މިތަނަށް ދިޔަ މިރަށު ޒުވާނުން ބުނީ މިތަނަކީ އެމީހުން އަބަދުވެސް އަންނަ ތަނެއްކަމަށެވެ. އަދި މުޑުދާރު ތަނެއްކަމަށް ބައެއް މީހުންނަށް ހީކުރެވުނަސް މިއީ ވަރަށް ސަޅި އަރާމުތަނެއް ކަމަށެވެ.

"އަސްލު މިތަން އެހެއި މުޑުދާރުކޮށް ފެނުނަސް، އަސްލު ވަރަށް ސަޅިތަނެއް މީ. ވަރަށް އަރާމު ތަނެއް މީ." ޔޫޝައު އަބްދުﷲ ބުންޏެވެ.

އިތުރު ޒުވާނަކު ބުނީ،

"މީ އަފުން މިރަށި އެންމެނަސް ފުރާ އޭތަނެއް ދޮގެއް. އެކަމަކި ވަކިކަމަކާ ދިމާވެގެނެއް ނޫން އަފުން އެނީ. ހަމަ ހިމެން ހިށެލާފެއި އަބަދަށަސް އެމާ އަފުން މިތަނަށް" ހާޒިމް ބުންޏެވެ.

އަދި މިރަށަށް ޒިޔާރަތްކުރި ކޮލަމާފުށީ ޒުވާނަކު ބުނީ މިއީ ވަރަށް ސަޅިތަނެއް ކަމަށެވެ.

"އަސްލު މާސްއޮންނު މި އައްޑޫ ކޭވަންނަދަ. ދެން ދެހަ ދުވަހަވަރަކަށް ބްރޭކް ލިބުނުމާ މިއައު ފުވައްމުލަކެޑެ ޗުއްޓީ ހޭދަކޮށްލަނެ. މަޑް ބާތައް މިއައު އެންމެނަސް އެރެނަމައި، މިރަށު ގެސްޓުންނަސް ހަމަ، މިކޮޑައެއި މެހުމާނުންނަސް އެނަމައި މާސްމިއައި ބަލައިލަންނަ. ވަރަށް ސަޅި ތަނެއް މީ" އައްޑޫގައި ޕައިލެޓްކަން ކިޔަވަމުންދާ އަމާނަތުއްﷲ ބުންޏެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޗަކަސްކަނޑަށް އެރުން ނުވަތަ އިގިރޭސިބަހުން މަޑް ބާތަކީ ސިއްޚީ ފައިދާ އެކުލެވޭ ކަމެކެވެ. އެހެން ނަމަވެސް ފުވައްމުލަކު ކޮޑަކިޅީގެ ޗަކަސްގަނޑުން އެފަދަ ފައިދާއެއް ލިބޭކަން ޔަޤީން ނުކުރެވުނަސް، މިތަނަށްގޮސް މިކަން ތަޖުރިބާ ކުރި ބައެއް މީހުން ބުނާ ގޮތުގައި މިތަނަށް އެރި އޮންނަ އިރު ހިތް ފަސޭހަ އަރާމު ގޮތެއް އިހްސާސްކުރެވެއެވެ. އަޅުގަނޑަށްވެސް ތަޖުރިބާ ކުރެވުނީ ހަމަ އެގޮތަށެވެ.

ކޮޑަކިޅިއަކީ މިހާރު މިރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤްބޫލްތަނެކެވެ. އެހެން ކަމުން މިތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓާ ފަސޭހައިން މިތަނަށް ދެވޭނެ ގޮތް ހަދަންޖެހޭކަން ފާހަކުރެވެއެވެ. އަދި މިހާރު ކުރިއަށްދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ނިމޭއިރު އެކަން ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.