ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށްޓަކައި ކަމާބެހޭ ސްޓްރެޓަޖީ ހަދާ ނިންމާ، ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް މިކަމާބެހޭ ކޮމެޓީން ބުނެފިއެވެ.
ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރުގެ ނައިބު ޑޮކްޓަރ އައިޝަތު މުނީޒާ ވިދާޅުވީ ޔުނިވަރސިޓިއަކަށް ބަދަލުކުރުމާ ގުޅޭގޮތުން ދެހާސްސާދައިން ދެހާސް ވިއްސަށް ސްޓްރެޓެޖިކް ޕްލޭނެއް މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ އެހީއާއެކު އެކުލަވާލާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް މިފަދަ ޔުނިވަރސިޓީއެއް ބޭނުންތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ސާރވޭއާ ބެހޭ ލިޔެކިޔުންތައްވެސް އެކުލަވާލާ ބަންޑާރަ ނައިބުގެ ލަފަޔަކަށް މިހާރު އެދިފައިވާ ކަމަށް މުނީޒާ ވިދާޅުވިއެވެ.
މުނީޒާ ވިދާޅުވީ ބަންޑާރަ ނައިބުގެ ލަފާ ލިބުމުން ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ރައީސް އޮފީހަށް ފޮނުއްވާނެ ކަމަށެވެ.
އަދި މިހާރު މަސައްކަތްކުރަމުންދަނީ މިނިވަން ދުވަހާއި ދިމާކޮށް ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ކަންތައްތައް އިޢުލާންކުރުމަށް ކަމަށްވެސް މުނީޒާ ވިދާޅުވިއެވެ.
ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމުން މިއީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީއަށް ވެގެންދާނެއެވެ.
ކުއްލިއްޔާ އިން މިހާތަނަށް އެއްހާސް ހަތްސަތޭކައަށް ވުރެ ގިނަ ޓީޗަރުން އުފައްދާފައިވާއިރު، ހަތްސަތޭކައަށް ވުރެ ގިނަ އިސްލާމް ޓީޗަރުން ވަނީ ތަމްރީނުކޮށްފައެވެ.