ލައިފް ސްޓައިލް

ފުރަތަމަ ފަހަރަށް ސަޢުދީ އަންހެނުންނަށް ވެހިކަލްދުއްވުމުގެ ލައިސަންސް


ސަޢުދީ ޢަރަބިއްޔާގައި ފުރަތަމަ ފަހަރަށް ވެހިކަލްދުއްވުމުގެ ލައިސަންސް އަންހެނުންނަށް ދޫކުރަން ފަށައިފިއެވެ.
ސަޢުދީ އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ލައިސަންސް ދޫކުރަން ފަށާފައި މިވަނީ އެޤައުމުގެ އަންހެނުން ވެހިކަލް ދުއްވުން މަނާކޮށްފައި އޮންނަ އޮތުން މިމަހު ފަހުކޮޅު އުވާލުމަށް ސަޢުދީ ރަސްގެފާނު ނިންމާފައިވަނިކޮށެވެ.
ޚަބަރުތައް ބުނާގޮތުން ސަޢުދީގެ ޖެނަރަލް ޓްރެފިކް ޑައިރެކްޓޮރޭޓުން އިއްޔެ އަންހެނުންނަށް ލައިސަންސް ދޫކުރަން ފަށާފައިވާއިރު، އިންޓަނޭޝަނަލް ލައިސަންސް ގެންގުޅޭ ފަރާތްތަކުގެ ލައިސަންސް ވަނީ ސަޢުދީ ލައިސަންސްތަކަށް ބަދަލުކޮށްދީފައެވެ. މިގޮތުން ތަފާތު އެކި ސިޓީތަކުން 10 އަންހެނަކަށް ވަނީ ލައިސަންސް ދީފައެވެ.

އަންހެނުން ލައިސަންސް ނެގުމަށް ހަދަންޖެހޭ ޓެސްޓުތައްވެސް ދަނީ ސަޢުދީގައި މިހާރު ކުރިއަށްދެއެވެ. ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން ކުރިއަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެހާހަށްވުރެ ގިނަ އަންހެނުންނަށް ލައިސަންސް ދޫކުރެވޭނެއެވެ.
ސަޢުދީ އަންހެނުން ވެހިކަލް ދުއްވުން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެކަން ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރުމަހު ނެރުއްވި ޝާހީ ޤާރާރެއްގައެވެ.
ސަލްމާން ރަސްގެފާނުގެ ދައުރުގައި ސަޢުދީއަށް އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން އިސްލާހީ ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަވަމުންނެވެ. މިގޮތުން ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަވާ، އިތުރު ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރަމުންނެވެ.