ޚަބަރު

ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވާބެހޭ ޚާއްޞަ ޢިލްމީ ފޮތެއް އެކުލަވާލަނީ


ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމަށް ކުރި ދިރާސާތަކުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ އިލްމީ ފޮތެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވައިރޮންމަންޓުން ފަށައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް މިނިސްޓްރީން ކުރިޔަށް ގެންދާ ތިން މަޝްރޫއެއްގެ އެންމެ ފަހުގެ ތަފްސީލްވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވަކަށް ހެދުމަށް ކުރި ދިރާސާތަކުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ އިލްމީ ފޮތާއި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 103 ވައްތަރުގެ ދޫނީގެ ކުރެހުންތަކުގެ މަސައްކަތާއި ތިމާވެށީގެ މައްސަލަތައް ދައްކުވައިދޭ ފޮޓޯ ނެގުމުގެ މުބާރާތުގެ މަޢުލޫމާތު ހިއްސާކުރިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވައިރޮންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި ގުދުރަތީ ގޮތުން އޮތް އެންމެ މުއްސަދި އެއް އަތޮޅު، ބ. އަތޮޅަށް ޚާއްޞާކޮށް ތައްޔާރުކުރާ މިފޮތަކީ ތަޢުލީމީ ފޮތެއްކަމަށާއި، މީގައި އެއަތޮޅުގެ ތާރީޚާއި ސަޤާފަތާއި ތިމާވެށީގެ ކަންކަން ހިމަނާފައިވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބ. އަތޮޅަކީ ރާއްޖޭގައި އެންމެ ބޮޑަށް އެއަތޮޅެއްގެ ކަންކަން ދިރާސާކުރެވިފައިވާ އަތޮޅުކަމުން މިފޮތް ވެގެންދާނީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެކުލެވޭ ފޮތަކަށްކަމަށެވެ.

"ބ. އަތޮޅަކީ އެންމެ ގިނަ މަޢުލޫމަތު، ތިމާވެށީގެ ގޮތުން އެންމެ ގިނަ މަޢުލޫމާތު އެއްކުރެވިފައިވާ އެއް އަތޮޅު. އެހެންވެ ބ. އަތޮޅުގެ ވަރަށް ގިނަ މަޢުލޫމާތު އެބަހުރި އަޅުގަނޑުމެންނަށް ލިބިފައި. އެހެންވެ އެމަޢުލޫމާތުތައް އާންމުކޮށް ކިޔަވާ ކުދިންނާ، ޢިލްމީ ދިރާސާކުރާ ބޭފުޅުންނަށް އަތުޖެހޭނެ ގޮތް ހެދުމަށް މި ފޮތް މިއެކުލަވާލަނީ. ޢިލްމީ ގޮތުން ވަރަށް ގިނަ މަޢުލޫމާތު އެކުލެވޭ ފޮތެއް މިއީ" ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓްރީއިން ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 103 ވައްތަރުގެ ދޫނީގެ ކުރެހުންތައް ހިމެނޭ ޕޯސްޓަރު ތައްޔާރުކުރުމަށް ބިޑްކޮށް ހަވާލްކޮށްފައިވާ ފަރާތުގެ މަސައްކަތް ދައްކާލާފައެވެ. ރައްކާތެރިކުރެވިފައިވާ ދޫނިތަކުގެ ޗާޓުތައް ވެގެންދާނީ ރާއްޖޭގެ ހުރިހާ ރަށަކަށްބަހާ، އާންމުން ހޭލުންތެރިކުރުވުމަށް ބޭނުންކުރާނެ އެއްޗަކަށެވެ. މިދޫނިތަކުގެ ކުރެހުން ހިމެނޭ ޗާޓު ތައްޔާރުކުރާ ފަރާތުން ބުނީ 10 ހަފްތާތެރޭ މިމަސައްކަތް ނިމޭނެކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާންމު ރައްޔިތުންނަށް ފާހަގަވާ ތިމާވެށީގެ މައްސަލަތައް ދައްކުވައިދޭ ފޮޓޯ ނެގުމުގެ މުބާރާތެއްވެސް ވަނީ ފަށާފައެވެ. ޖުލައިމަހުގެ 31ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕޮޓޯގްރަފީ މުބާރާތައް އާންމުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ފޮޓޯ ފޮނުވޭނެއެވެ. މިގޮތުން ތިމާވެށީގެ މައްސަލަތައް ރަމްޒުކޮށްދޭ މިމުބާރާތުގެ ވަނަތަކާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެންވައިރޮންމަންޓް މިނިސްޓްރީން ބުނެއެވެ.