ލައިފް ސްޓައިލް

ދަނޑުމަތީގައި ރޯދަވީއްލަން ތަފާތު އުކުޅެއް ބޭނުންކޮށްފި


މިމަހު 14ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑްކަޕަށް އެމުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުތަކުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ޤައުމުތަކުގެ މެދުގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ދަނީ ކުޅެވެމުންނެވެ. މީގެ ތެރޭގައި މުސްލިމު ޤައުމުތައްވެސް ހިމެނޭއިރު، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅެވޭ މެޗުތައް މިފަހަރު ދިމާވީ ރަމަޟާންމަހާއެވެ. ބައެއް މެޗުތައް ކުޅުނީ ދުވާލުއެވެ. އަދި ބައެއް މެޗުތައް ރޯދަ ވީއްލާ ވަގުތާވެސް ދިމާވިއެވެ. އެހެންކަމުން މިފަދަ ޙާލަތެއްގައި ޓީމުތަކުގެ ކުޅުންތެރިން ހަދާނެ ގޮތަކާމެދު ގިނަ ބަޔަކު ސުވާލު އުފައްދާނެއެވެ. އެސުވާލުތަކަށް ޖަވާބު ދިނީ ވޯލްޑްކަޕުގައި ވާދަކުރާ އިސްލާމީ ޤައުމެއްކަމަށްވާ ޓިއުނީޝިޔާއިންނެވެ.

ވޯލްޑް ކަޕަށް ތައްޔާރުވާ ޓިއުނީޝިޔާ ޓީމުން ވަނީ ރަމަޟާންމަހު އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ޕޯޗުގަލް އާއި ތުރުކީއާ ވާދަކުރަންޖެހުނު ދެ މެޗުވެސް އޮތީ ދުވާލުއެވެ. ރޯދަ ވީއްލާ ވަގުތު ދިމާވަނީ މެޗުގެ ފަހު ހާފުގެ ތެރެއިންނެވެ.
ކުޅުންތެރިން ރޯދަ ވީއްލުމަށް ބްރޭކެއް ދޭ އުޞޫލެއް ނޯންނާތީ، ޓިއުނީޝިޔާ ކުޅުންތެރިން ހެދީ ވަރަށް މޮޅު ގޮތެކެވެ. ރޯދަ ވީއްލާ ވަގުތާ ދިމާކޮށް ކޮންމެ ފަހަރަކުވެސް ޓިއުނީޝިޔާގެ ގޯލްކީޕަރަށް ކޮންމެސް އަނިޔާއެއްވިކަމަށް ހެދެނީއެވެ. ގޯލް ކީޕަރަށް އަނިޔާއެއް ލިބުމުން މެޗު ކުޅުން ހުއްޓާލައެވެ. އެވަގުތު ޓިއުނީޝިޔާ ކުޅުންތެރިން އަވަސްވެގަންނަނީ، ބެންޗު ކައިރިއަށް ގޮސް އަވަހަށް ރޯދަ ވީއްލުމަށެވެ. އަދި މާގިނައިރުތަކެއް އެކަމަށް ހޭދަނުކޮށް، ކުޅުންތެރިން އަނެއްކާވެސް ކުޅުމުގެ ތެއަށް ވަދެއެވެ.

ޕޯޗުގަލްއާއެކު ކުޅުނު މެޗުގައި ބަންގިގޮވީ މެޗުގެ 58 ވަނަ މިނެޓްގެ ތެރެއިންނެވެ. އޭރު 2-1 ނަތީޖާއަކުން ކުރީގައި އޮތީ ޔޫރޯގެވެސް ޗެމްޕިއަނުން ޕޯޗުގަލްއެވެ. ރޯދަ ވީއްލުމަށްފަހު ކުޅެން އަރައި، 6 މިނެޓް ތެރޭ ޓިއުނީޝިޔާ ޓީމުން އެއްވަރުކުރިއެވެ. މެޗު ނިމުނީވެސް އެނަތީޖާއާއެކުއެވެ. ތުރުކީއާއެކު ކުޅުނު މެޗުގައި ބަންގި ގޮވީ، މެޗުގެ 49 ވަނަ މިނެޓުގައެވެ. އެމެޗުވެސް 2-2ގެ ނަތީޖާއަކުން ވީ އެއްވަރެވެ.
ޓިއުނީޝިޔާ ޓީމުން ރޯދަ ވީއްލި ގޮތާމެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ރަމަޟާންމަސް ނިމުމުގެ ކުރިން ޓިއުނީޝިޔާ ޓީމުން އަދި އެއް މެޗު ކުޅޭނެއެވެ. ވަރުގަދަ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަންތައް ކުރާނެ ގޮތެއް އަދި ނޭނގެއެވެ.