ޚަބަރު

މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އައް ސީސީ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާކުރައްވައިފި


މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އައް ސީސީ، ރިޔާސަތުގެ ދެވަނަ ދައުރަކަށް މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ސީސީ ރިޔާސަތާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންފައި މިވަނީ މާރިޗު މަހުގެ ތެރޭގައި މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބު، ތަނަވަސް އަޤުލަބިއްޔަތަކުން ކާމިޔާބުކުރެއްވުމަށް ފަހުގައެވެ.

މަޤާމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ޙިތާބެއްގައި ރައީސް ސީސީ ވިދާޅުވީ، މިސްރުގެ ސިޔާސީ އަދި މިސްރުގެ އިޤްތިސާދީ ކުރިއެރުމަށާއި އިޖުތިމާޢީ ހަމަޖެހުމަށްޓަކައި މިސްރުގެ ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި މިމަސައްކަތުގައި މިސްރުގެ އެއްވެސް ފަރާތެއް އެކަހެރި ނުކުރާނެކަމަށް ސީސީ ވިދާޅުވިއެވެ.

ސީސީ ވަނީ، ޓެރަރިސްޓް ޖަމާޢަތްތަށާއ ހައްދުފަހަނައަޅާފައިވާ ފަރާތްތަކަށް މިސްރުގައި އެއްވެސް ޖާގައެއް ނެތްކަމަށް ވިދާޅުވެފައެވެ. 2013 ވަނަ އަހަރު މިސްރުގެ އޭރުގެ ރައީސް މުޙައްމަދު މުރްސީއާ ދެކޮޅަށް ކުރި މުޒާހަރާތަކަށްފަހު ސަރުކާރު ވައްޓާލިތާ އެއްއަހަރު ފަހުން ދެން ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ ސީސީއެވެ.

މާރިޗު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ސީސީ އަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ %97 އެވެ. އެހެންނަމަވެސް މި ވޯޓުގައި ބައިވެރިވެފައި ވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ސާޅީސް އެކެއް އިންސައްތަ މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިޚާބުގެ ކުރިން ސީސީއާ ވާދަކުރައްވާ ގިނަ ބޭފުޅުންނަށް ވަނީ އެކި ސަބަބުތަކާހުރެ އިންތިޚާބުގައި ވާދަކުރެވޭ ގޮތް ނުވެފައެވެ.