ޚަބަރު

ޤައިދީންގެ އިންޓަވިއުތައް ބްރޯޑްކާސްޓްނުކުރަން އަންގައިފި


ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްނުކުރުމަށާ، ޤާނޫނާ ޚިލާފަށް އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައިފިއެވެ.

އެ ކޮމިޝަނުން މިއަދު ޢާންމު ކޮށްފައިވާ ސަރކިއުލާގައި ވަނީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ޤައިދީން ޕްރޮމޯޓްކޮށް ކުރިއަށްނެރެ ޝަޙްސު އޮޅޭގޮތަށް ހިންގަމުން ގެންދާ ޙަރަކާތްތަކާއި ޢަމަލުތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއްކަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރަމުންދާކަމަށާ އެހެންކަމުން ޤާނޫނީ އިމުގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށް ބްރޯޑްކާސްޓަރުންނަށް އަންގާކަމަށެވެ.

އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކޮމިޝަނުންވަނީ އަންގާފައެވެ.

އަދި ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށްވެސް އެކޮމިޝަނުން އަންގާފައިވެއެވެ.