ކުޅިވަރު

އީގަލްސް ކަޓާ، ޕޮލިސް ވެޓަރެންސްކަޕްގެ ޕްލޭއޮފްއަށް


އީގަލްސް ކަޓާ، ވެޓަރެންސްކަޕްގެ ޕްލޭއޯފްގެ ޖާގަ ޕޮލިސް ކްލަބް ހޯދައިފިއެވެ.

އީގަލްސް މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖްގައި ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ. ފަހު މެޗުގައި މިއަދު ޕޮލިސް ކްލަބް ކުރި ހޯދުމުން ވިކްޓްރީއާއެކު ޕްލޭއޯފްގައި ވާދަކުރާނީ ޕޮލިސް ކްލަބެވެ. ޕްލޭއޯފް ކާމިޔާބުކުރާ ޓީމަކަށް ދެވަނަ ބުރުގެ ފަހު ޖާގަ ލިބޭނެއެވެ.
އީގަލްސްގެ މައްޗަށް މިއަދު ޕޮލިސް ކުރި ހޯދީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި ޕޮލިސް ކްލަބަށް ކުރި ހޯދައިދިނީ އަބްދުއްރަޙީމްއެވެ. ޕޮލިސް ކްލަބުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި ޕޮލިސް ކްލަބުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އިބްރާހިމް މަނިކުއެވެ.
ޕޮލިސް ކްލަބުން ދެ ލަނޑު ޖެހި ފަހުން ކްލަބް އީގަލްސްއިން ވަނީ އެޓީމުގެ ކުޅުނު ރަނގަޅުކޮށް ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކްލަބް އީގަލްސްގެ ހުސައިން ރަޝީދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަޤު ކުޑަކޮށްފައެވެ. އީގަލްސް އިން ލަނޑުން ޖެހި ފަހުންވެސް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.

މިއަދު މެޗުގެ ސާޅީސް ފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޕޮލިސް ކްލަބުގެ މުހައްމަދު ޝަމީމްއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޕޮލިސް ކްލަބުގެ އަބްދުއްރަޙީމްއެވެ. މިމޮޅާއެކު ޕްލޭއޮފްގައި ޕޮލިސް ކްލަބް ވިކްޓްރީއާ ވާދަކުރާނީ އަންނަ އަންގާރަ ދުވަހުއެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ކްލަބް ވެލެންސިޔާއެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މާޒިޔާއެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ އެންމެ ފަހުގެ ޗެންޕިއަން ނިއުރޭޑިއަންޓެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ދިވެހި ސިފައިންގެ ކްލަބެވެ.