އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެޤައުމުން އަދިވެސް އޮތީ އެމެރިކާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށްކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ. އުތުރު ކޮރެއާއިން މިހެން ބުނެފައި މިވަނީ މި މައްސަލައިގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލްކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވުމަށް ހަމަޖެއްސި ތާރީޚީ ބައްދަލުވުމުގައި ބައިވެރިނުވުމަށް އިޢުލާންކުރައްވާ އެމެރިކާގެ ރައީސް ކިމް އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އުތުރު ކޮރެއާއިން އެންމެ ފަހުން ނެރެފައިވާ ބަޔާންތަކުގައި އެމެރިކާއާ ދެކޮޅަށް ބޭނުންކޮށްފައިވާ ހަރުކަށި ބަސްމަގާއި އެމެރިކާއާ ދެކޮޅަށް ފާޅުކޮށްފައިވާ ޚިޔާލުތަކުގެ ސަބަބުން މި ވަގުތު މި ފަދަ ބައްދަލުވުން ބޭއްވުން އެކަށިގެންނުވާ ކަމަށެވެ.
އޭނާ ކިމްއާ ބައްދަލުކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ ގޮތަކަށް ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ތާރީޚީ ސަމިޓު ކެންސަލްވުމަކީ އުތުރު ކޮރެއާގެ އިތުރުން ދުނިޔޭގެ ސުލްޙައަށްވެސް ލިބިގެން ދިޔަ ދެރައެއްކަމަށެވެ. އަދި އެމެރިކާގެ މި ނިންމުމަށް ފަހު އުތުރު ކޮރެއާއިން އަޅާފާނެ ނުރަނގަޅު ފިޔަވަޅަކަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވިއެވެ.
މި ދަނޑިވަޅުގައި އުތުރު ކޮރެއާއިން މިވަނީ އެ ޤައުމުން އެމެރިކާއާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނާއިބު ކިމް ކައި ގްވަން ވިދާޅުވީ، މި ބައްދަލުވުމުގައި ބައިވެރިނުވުމަށް އެމެރިކާގެ ރައީސް ނިންމެވި ނިންމެވުމާމެދު އުތުރު ކޮރެއާއިން ހިތާމަކުރާ ކަމަށެވެ. އަދި އުތުރު ކޮރެއާއެކު މަޝްވަރާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި މަސައްކަތްތަކުގެ އަގު އެ ޤައުމުން ވަޒަންކުރާ ކަމަށާއި އެމެރިކާގެ ކުރީގެ އެއްވެސް ރައީސަކު ކުރައްވާފައި ނުވާކަމެއް ކުރެއްވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވިކަމަށެވެ.
އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާގެ ރައީސްގެ ޚާއްޞަ ހައްލެއް ހޯދިގެންދާނެކަމަށް އުތުރު ކޮރެއާއިން އުއްމީދުކޮށްގެން ތިބިކަމަށް ކިމް ވިދާޅުވިއެވެ. އަދި އުތުރު ކޮރެއާއިން އޮތީ ދެންވެސް މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމަށް ތައްޔާރަށްކަމަށް އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނާއިބު ވިދާޅުވިއެވެ. އެމެރިކާގެ ރައީސް މި ބައްދަލުވުމުގައި ބައިވެރިނުވުމަށް ނިންމަވާފައިމިވަނީ މި ބައްދަލުވުމާ ބެހޭގޮތުން އުތުރު ކޮރެއާއިން ހުސްވި ހަފުތާގައި ސުވާލުތައް އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.
އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާގެ ޤައުމީ ސަލާމާތާބެހޭ މުޝީރު ޖޯން ބޯލްޓަން ދައްކަވާފައިވާ ވާހަކަތަކަށް އޭނާއަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. އަދި މީގެ އިތުރުން އެމެރިކާގެ ނާއިބު ރައީސް މައިކް ޕެންސްއަށްވެސް އުތުރު ކޮރެއާއިން ވަނީ ފާޑުކިއުން އަމާޒުކޮށްފައެވެ.