ޚަބަރު

އިސްރާފް ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން


އިސްރާފްކުރުމަކީ މުސްލިމުންގެ ސިފައެއް ނޫންކަމަށާއި، މުސްލިމުންނަކީ ލިބޭ އެއްޗަކުން ހަމަޖައްސައިގެން އުޅޭ ބައެއްކަމަށް ބަޔާންކޮށް އިސްރާފު ކުރުމާ ދުރުހެލި ވުމަށް މިއަދުގެ ހުކުރު ޚުތުމާބައި ނަސޭހައްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އިސްރާފުކުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި އިސްރާފު ކުރުމުގެ ނުބައިކަން ބަޔާންކޮށްދެއްވާފައެވެ.

ރަމަޟާންމަހަކީ ޢާންމު ގޮތެއްގައި އިސްރާފް ކުރުން ބޮޑު މަހެއްކަން ފާހަގަކޮށް ޚުތުބާގައި ވިދާޅުވެފައިވަނީ އިސްރާފްކުރުމަކީ މުސްލިމުންގެ ސިފައެއް ނޫންކަމަށާ އެއީ ޝައިޠާނާގެ ކަމެއްކަމަށެވެ. އަދި އިސްރާފު ކުރުމަކީ އެކަމުގެ ގެއްލުން ސިއްޙީގޮތުންނާއި މާލީގޮތުންވެސް މުޖުތަމަޢަށް ފޯރާނެކަމެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެއްކަމަށާއި، ރޯދައިން އެ މަޤްޞަދު ހާސިލްކުރެވޭނީ އިސްރާފުކުރުމާއި ދުރުހެލިވެގެންކަމަށްވެސް ހުޠުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

"މުސްލިމް އަޚްންނޭވެ! އަޅުގަނޑުމެން ހޭދަކުރަމުން މިދާ ރަމަޟާން މަހަކީ ޢާންމު ގޮތެއްގައި މުސްލިމުންގެ ގާތުގައި ވަރަށް އިސްރާފު ބޮޑު މަހެއް. ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ތަފާތު އެއތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެއް. މީސްމީޑިއާ މެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަންވެސް ފެނޭ. މީގެތެރެއިން އެމީހުންނަށް ކައިބޮއި ހެދެނީ ވަރަށް މަދު އެތިކޮޅެއް. ކެއުމަށް ތައްޔާރު ކުރާ ގިނަ އެއްޗެހިތައް އުލާލެވެނީ ކުނިގޮނޑަށް. މިއީކިހާ ބޮޑު އިސްރާފެއްހެއްޔެވެ. އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއްނޫން. އެއީ ޝައިޠާނާގެ ކަމެއް." ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

އިސްރާފަކީ ބޮޑު ވަބާއެއްކަން ސިފަކޮށް މިއަދުގެ ޚުޠުބާގައި ވަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ހެކިދައްކާ އިސްރާފް ކުރުމުގެ ނުބައިކަމާއި އެކަމުން ދުރުހެލިވުމުގެ މާތްކަން ފާހަގަކޮށް އިސްރާފް ނުކުރުމަށް ބާރުއަޅުއްވާފައެވެ.

ޚުތުބާގައި ވަނީ، ތަނަވަސް މީހުން އިސްރާފްކުރާއިރު އަތްމަތި ދަތި މީހުންވެސް ޒަމާނާ އެއްވަރަށް ފައިހަމަ ކުރުމުގެ ނަމުގައި އިސްރާފްކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫންކަން ބަޔާންކުރައްވާ މުސްލިމުންނަކީ، ލިބޭ އެއްޗަކުން ހަމަޖައްސައިގެން އުޅޭ ބައެއްކަމަށް ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ.