ސީނިއާރ ކުޅުންތެރިން ނުލާ، ޓީމްގައި ތިބި ޒުވާން ކުޅުންތެރިން ޓީމްގެ ފަހަތް ބަލަހައްޓަމުންދާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުލަބް އީގަލްސްގެ ކުރިއަށް ކުޅޭ ކުޅުންތެރިން ލަނޑު ޖަހަމުންދިޔަނަމަވެސް ފަހަތަށް ކުޅެމުންދާ ކުޅުންތެރިންގެ މިސްޓޭކް ތަކުގެ ސަބަބުން ބައިކޮޅަށް ވަންނަ ލަނޑުތައް ދިޔައީ އިތުރުވަމުންނެވެ. އެކަން ފުރަތަމަ ބުރުގައި ކޯޗު މޯހަން ދިޔައީ ވަރަށް ބޮޑަށް ފާހަގަކުރަމުންނެވެ.
އެންމެ ފަހުން ލީގުގެ ދެވަނަ ބުރުގައި މާޒިޔާގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މޯހަން ބުނީ ދެވަނަ ބުރަށް އީގަލްސް ނިކުތީ ފަހަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންކަމަށެވެ. ލީގުގެ ދެވަނަ ބުރުގައި އީގަލްސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. މޯހަން ބުނީ ފަހަތަށް ކުޅެމުންދާ ޒުވާން ކުޅުންތެރިންގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށާއި، މިހާރު އީގަލްސްއިން ނެރެމުންދާ ނަތީޖާތަކުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަހަތަށް ކުޅެމުންދާ ޒުވާން ކުޅުންތެރިން ކަމަށެވެ.
"ފަހަތަށް ބަދަލު ގެނައިފަހުން ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންގޮސްފައިވަނީ. އަސްލުގައި ކުޅުންތެރިންނަށް ފުރުސަތު ދިނީމަ މިއިނގެނީ އެކުޅުންތެރިންނަށް ޕާފޯމް ކުރެވޭވަރު. މުސްތަޤްބަލަށް ބަލާއިރު މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. " މޯހަން ބުންޏެވެ.
އީގަލްސް މިހާރު އޮތީ އެސްޓީއޯ މާލޭ ލީގު ތާވަލްގެ ދެވަނާގައެވެ.