ކުޑަކުދިން ކުޅެން ބޭނުންކުރާ ލެގޯ ބްލޮކްސް ބޭނުންކޮށްގެން 20 ވަނަ ޤަރުނުގެ ކުރީކޮޅު ދުނިޔޭގައި އޮތް އެންމެ ބޮޑު ކަނޑު އުޅަނދު، ޓައިޓޭނިކާ އެއްގޮތަށް ހަދާފައިވާ ރެޕްލިކާއެއްގެ ވާހަކަ އަޑުއެހިންތޯއެވެ؟ އަދި މިމަސައްކަތްކުރީ އުމުރުން އެންމެ 10 އަހަރުގެ އޯޓިސްޓިކް ކުއްޖެއްކަމަށް ބުނުމުން ހަމަޤައިމުވެސް ހައިރާންކަން ލިބިދާނެއެވެ.
އައިސްލޭންޑަށް ނިސްބަތްވާ ބްރިނިއަލް ކާރލްސް ލެގޯއިން މި ބޮޑު ބޯޓު ތައްޔާރުކުރީ ގާތްގަނޑަކަށް މަހެއްހާ ދުވަހުންނެވެ. އަދި މި ބޯޓު މިހާރު ވަނީ އެމެރިކާގެ ޓެނަސީ ސްޓޭޓްގައި ހުންނަ ޓައިޓޭނިކް މިއުޒިއަމްގައި ބަހައްޓާފައެވެ. 56 ހާސް ލެގޯ ބްލޮކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޯޓު އައިސްލޭންޑުން އެމެރިކާއަށް ގެންގޮސްފައިވަނީ ތިން ބަޔަކަށް ބަހައިލައިގެނެވެ.
މިބޯޓުގެ ދިގުމިނުގައި 26 ފޫޓު ހުންނައިރު އުސްމިނުގައި 15 ފޫޓު ހުރެއެވެ.
ބްރިނިއަލް ބުނާގޮތުގައި އުމުރުން 5 ވަރަކަށް އަހަރުގައި އޭނާ މިކަން ފެށީ ފޫހިވެގެން ފޫހި ފިލުވާލުމުގެ ގޮތުންނެވެ.
"އަސްލު އަހަރެން ބައެއްފަހަރު ބޮޑެތި މީހުން ބުނާގޮތަށް އަނެއް ބައި ފަހަރު އަމިއްލައަށް ވިސްނޭ ގޮތަކަށް ހަދަނީބްރިނިއަލް ކާރލްސް
ބްރިނިއަލް ބުނާގޮތުން އޭނާ ފުރަތަމަ ހަދާ އުޅުނީ ކުދި ރޭލާއި ކާރު ފަދަ ތަކެއްޗެވެ. އެހެންނަމަވެސް އޭނާގެ މި ޚިޔާލު ބަދަލުވީ އޭނަގެ ކާފަ އޭނާ ގޮވައިގެން މަހަށް ދިއުމުންނެވެ. އެއަށްފަހު ބްރިނިއަލްއަށް މިފަދަ ބޯޓުތައް ފެނި އާޝޯޚުވެ އެތައް އިރަކު ބަލަން އިންކަމަށް އޭނާގެ ކާފަ ބުންޏެވެ. އަދި އުމުރުން 10 އަހަރުގައި އޭނާއަށް ޓައިޓޭނިކްގެ ވާހަކަ ކިޔައިދިނުމާއެކު، މި ބޯޓަށް ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޓައިޓޭނިކާބެހޭ ހުރިހާ މަޢުލޫމާތުތަކެއް ހޯދިއެވެ.
"އަަހަރެން މަންމައާއެކު ތަންތަނަށްދާއިރު ފެންނަ މީހުންނާއި، ޢިމާރާތްތަކާއި، ޝިޕްތައް ފެނުނީމަ ވަރަށް ހައިރާންވޭ. އަހަރެން އަބަދުވެސް ބޭނުންވޭ އަހަރެން އަމިއްލައަށް މިކަހަަލަ އެއްޗެއް އަހަރެންގެ ލެގޯ ބްލޮކްސްއިން ހަދަން. އެގޮތުން އިންސާނަކާއި އެއްވަރު ލެގޯ ޓައިޓޭނިކް ބޯޓެއްހަދަން އަހަރެން ވަރަށް ބޭނުންވި. އޭރު އަހަަރެންނަށް އެންމެ 10 އަހަރު.ބްރިނިއަލް ކާރލްސް
ބްރިނިއަލްގެ މި މަސައްކަތުގައި އޭނާއަށް އެންމެބޮޑަށް އެހީތެރިވީ އޭނާގެ ޢާއިލާއިންނެވެ. އެގޮތުން ބޯޓު ހެދުމުގެ މަސައްކަތުގައި ހޭދަކުރާ ވަގުތަކީ ޢާއިލާ އެންމެން އެއްކޮށް މަޖާކޮށް އުޅޭ ވަގުތުތެކެވެ. ބްރިނިއަލްގެ ކާފައާއި މަންމަ އޭނާއަށް ވަރަށް ބޮޑަށް އެހީވިކަމަށް ބްރިނިއަލް ބުނިއެވެ. އެގޮތުން އޭނާގެ ކާފަ މި ބޯޓުގެ ބްލޫ ޕްރިންޓް ހަދައިދީ ޓައިޓޭނިކް ބޯޓްހެދުމަށް ބޭނުންވާ ބްލޮކްތައް ހިޔާރުކުރުމަށް އެހީތެރިވެދިންކަމަށް އޭނާ ބުންޏެވެ. ބްރިނިއަލް ބުނީ އޭނާ އެންމެ ހަދާ ހިތްވީ ރަތްކުލައާއި ކަޅުކުލައިގައި ޓައިޓޭނިކްގައި ހުންނަ ބައިތައްކަމަށެވެ.
ބޯޓު ހެދުމަށް އެތައް ހާސް ލެގޯ ބްލޮކްސް އެއްކުރީ ކިހިނެއްތޯ އެހުމުން އޭނާ ބުނީ މިހުރިހާ އެއްޗެއް ގަތުމުގައި އޭނާގެ ރަށްޓެހިންނާއި ޢާއިލާ މީހުންގެ ދީލަތި އެހީ ވަރަށް ބޮޑަށް ލިބުނުކަމަށެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިންވެސް އޭނާއަކީ އޯޓިސްޓިކް ކުއްޖެއްކަން އިހުސާސްވެސް ނުވާކަމަށް އޭނާ ބުނިއެވެ.
އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު ކުޑަކޮށް އުނދަގޫވިނަމަވެސް މިހާރު އޭނާގެ ކުރީގެ އެކަނިވެރިކަން މުޅިންްފިލައިފިކަމަށް އޭނާ ބުނިއެވެ. އަދި މިހާރު އޭނާއަކީ ވަރަށް ކޮންފިޑެންޓް ކުއްޖަކަށް ވެއްޖެކަމަށްވެސް ބްރިނިއަލްގެ އާއިލާއިން ބުނެއެވެ. މިކަން އޭނާ ދޭ އިންޓަވިއުތަކުންވެސް އެނގިގެންދެއެވެ.
"އަހަރެން މި މަސައްތަކަތް ފެށިއިރު މީހެއްގެ އެހީ ބޭނުންވި. އެކަމު މިހާރު އަހަރެން ވަރަށް އިންޑިޕެންޑެންޓް. ވަރަށް ކޮންފިޑެންޓް. އަހަރެން ސްކޫލްގެ ނަތީޖާވެސް ވަރަށް ބޮޑަށް ރަނގަޅުވި. އަދި މި ކަމުގެ ސަބަބުން އަހަރެން ވަރަށް ބައިވަރު މީހުންނާއި ބައްދަލުވި. ވަރަށް އުފާވޭ.ބްރިނިއަލް ކާރލްސް
ބްރިނިއަލްގެ މަންމަ ބުނާގޮތުން ދަރިފުޅަށް ޢާންމު ދިރިއުޅުމެއް ހޯދައިނުދެވިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް ބްރިނިއަލް މިއަދު ހޯދައިފައިވާ ކާމިޔާބީއަށް ފަޚުރުވެރިވާކަމަށް އޭނާގެ މަންމަ ބުންޏެވެ. ބްރިނިއަލް ބުނާގޮތުގައި އޭނާ ދެން ބޭނުންވަނީ ލެގޯ ބްލޮކްސް ބޭނުންކޮށްގެން އެމިއުޒްމަންޓް ޕާކެއް ހަދާށެވެ.
ބްރިނިއަލްގެ މި މަސައްކަތާއި އޭނާގެ ވާހަކަތަކުން އެނގެނީ ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ޙާސިލުކުރަން ބޭނުންވާކަމެއް ހާޞިލުކުރުމަށްޓަކައި މަސައްކަތްކުރުމުން އެކަމެއް ކާމިޔާބުވާނޭކަމެވެ.