ކުޅިވަރު

ފުވައްމުލަކު ސިޓީ ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު ހުޅުވައިފި


ފުވައްމުލަކު ސިޓީ ޒުވާނުންގެ މަރުކަޒު މަރާމާރަށްފަހު ހުޅުވައިފިއެވެ.

މަރާމާތަށްފަހު އެތަން އަލުން ހުޅުވާފައިވަނީ ބޭނުން ނުކުރެވޭވަރަށް ހާލަތު ގޯސްވެފައިވަނިކޮށްކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ފުވައްމުލަކު ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު އަލުން ހުޅުވުމުން ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވިދާޅުވީ އެރަށު ޒުވާނުންގެ އާބާދީ ބޮޑުވެފައި، ޒުވާނުންގެ މަރުކަޒުން ދޭންޖެހޭ ޚިދުމަތްތައްވެސް ފުޅާވާންޖެހޭކަމަށެވެ. އެގޮތުން އެތަނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވި، އެކަންކަން ހައްލުކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށެވެ.
މަރުކަޒު އަލުން ހުޅުވިއިރު އިންޑޯ ކޯޓަށް ބޭނުންވާ ބައެއް ކުޅިވަރު ސާމާނު ފޯރުކޮށްދެވި، އަދި އިތުރަށް ބޭނުންވާ ސާމާނު ކައިރި މުސްތަޤުބަލެއްގައި ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެގޮތުން އެތަނުގެ ޖިމްވެސް އަދި ބޭރު އައުޓްޑޯ ކޯޓްތަކުގެ ފެންވަރުވެސް ރަނގަޅު ކުރެވޭނެކަމަށާއި، މަރުކަޒުގެ މުޅި އިމާރާތާއި، ބިމަށް ރަނގަޅު ކޮންސެޕްޓެއް އަލުން ހަދައިގެން ކުރިއަށްގެންދަންޖެހޭކަމުގައިވާނަމަ އެކަންވެސް ކުރާނެކަމަށް ކޯޑިނޭޓަރ އައިފާން ވިދާޅުވިއެވެ.

މީގެއިތުރުން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ ސްޕޯރޓްސް އެރީނާ ފުޓްސަލް ދަނޑުތަކުގައި ލައިޓްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް 400 ވޮލްޓްގެ ލެޑް ލައިޓްތައް ފުވައްމުލަކު ސިޓީއަށް ގެންދިއުމަށް ކާގޯކޮށްފައިވާކަމަށް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އިބްރާހީމް ސައީދު ވިދާޅުވިއެވެ. ކުރިން އެތަނުގައި ހުރީ 150 ވޮލްޓްގެ ލައިޓެވެ. ފުވައްމުލަކުގައި ސްޕޯރޓްސް އެރީނާ މަޝްރޫއުގެ ދަށުން 3 ފުޓްސަލް ދަނޑެއް ވަނީ އަޅާފައެވެ.
ފުވައްމުލަކުގެ އިތުރުން ނ.ވެލިދޫއާއި ހޮޅުދޫ ޒުވާނުންގެ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައްވެސް ހައްލުކޮށް ޚިދުމަތްދޭން ފަށާފައިވާކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އެގޮތުން ވެލިދޫ ފުޓްސަލް ދަނޑުގެ ލައިޓިންގ މައްސަލަ ހައްލުކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.