މެލޭޝިޔާގައި ބުދަ ދުވަހު ބޭއްވި ޢާއްމު އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު އިއްތިހާދުގެ އިސްވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު، ބުރާސްފަތި ދުވަހު ބޮޑުވަޒީރުކަމުގެ ހުވާ އަދި ނުކުރައްވާނެކަމަށް މެލޭޝިޔާގެ ޝާހީ ގަނޑުވަރުން ބުނެފިއެވެ. މިހާރުގެ ސަރުކާރުގެ މައްޗަށް އިދިކޮޅު އިއްތިހާދުން ކުރި ހޯދާފައިވަނީ، ބޮޑު ތަފާތަކުން ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ.
ވޭތުވެދިޔަ 60 އަހަރު މެލޭޝިޔާގައި ވެރިކަންކުރަމުން އައި ބާރިސާން ނޭޝަނަލް ކޯލިޝަން ބީ.އެން.އަށް ބުދަ ދުވަހުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީގެ ސަބަބުން، މުޅި މެލޭޝިޔާގެ އިތުރުން ބައިނަލްއަޤުވާމީ ދުނިޔެވެސް ވަނީ ސިހުމެއްގެ ތެރޭގައެވެ. މެލޭޝިޔާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، މިހާރުގެ ބޮޑުވަޒީރު ނަޖީބް ޢަބްދުއްރައްޒާޤާ ދެކޮޅަށް ފާއިތުވި އަހަރުތަކުގެ ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުން، މެލޭޝިޔާގެ ޢާއްމުންގެ މެދުގައި އޭނާއަށް އޮންނަ އިތުބާރު ގެއްލިފައިވާކަމަށެވެ. ޚާއްޞަ ގޮތެއްގައި ބޮޑުވަޒީރު ނަޖީބް އިސްނަންގަވައިގެން ކުރިއަށް ގެންދެވި މަޝްރޫޢު، ވަން އެމް.ޑީ.ބީގެ ތެރެއިން އެތައް މިލިއަން ޑޮލަރު ބޭރުގެ ޤައުމުތަކަށް ދިންކަމަށް ބުނާ މައްސަލަ ފާހަގަކޮށްލެވެއެވެ.
މި މައްސަލައިގައި ނަޖީބްގެ އެއްވެސް ކުށެއް ނެތްކަމަށް މެލޭޝިޔާގެ ބަންޑާރަނައިބު ވިދާޅުވިއިރު، ބީ.އެން. ކޯލިޝަނުން ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ވަކިވެވަޑައިގެންނެވީ، އެ އުޒުރު ދެއްކެވުމަށްފަހުގައެވެ. ރިޓަޔަރމަންޓްގައި ހުންނެވި މަހާތިރު އަލުން ސިޔާސީ މަސްރަހަށް އެނބުރި ވަޑައިގެން އިދިކޮޅު ޕާޓީތަކުގެ އިއްތިހާދެއް އުފެއްދަވައި، އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
މަހާތިރުގެ މި އިއުލާނާއެކުވެސް ބުދަ ދުވަހުގެ އިންތިޚާބުގައި އިދިކޮޅު ޕަކްތާން ހަރަޕާން އިއްތިހާދަށް މާބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ގިނަ ފަރާތްތަކުން އަންދާޒާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިދިކޮޅު ހަތަރު ޕާޓީގެ މައްޗަށް އެކުލެވިގެންވާ އިއްތިހާދަށް މިވަނީ، ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 113 ގޮނޑި ލިބިފައެވެ. ޕަކްތާން ހަރަޕާންއަށް ލިބުނު މި ކާމިޔާބީއާއެކު މެލޭޝިޔާގެ ބޮޑު ވަޒީރުކަމާ ދެން ހަވާލުވެވަޑައިގަންނަވާނީ އުމުރުން 92 އަހަރުގެ މަހާތިރު ކަމަށް ބެލެވެއެވެ. 1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް މެލޭޝިޔާގެ ބޮޑު ވަޒީރުކަން ކުރެއްވި މަހާތިރު، އޭރުން ވެގެންދާނީ ދުނިޔޭގައި އިންތިޚާބުވެވަޑައިގެން އެންމެ އުމުރުން ދުވަސްވީ ލީޑަރަށެވެ.
އެހެން ނަމަވެސް، ބޮޑުވަޒީރު ކަމަށް މަހާތިރު އައްޔަނުކުރެއްވުމާ މެދު މިހާރުގެ ބޮޑު ވަޒީރު ނަޖީބް މިވަނީ ސުވާލުތައް އުފައްދަވާފައެވެ. އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޖީބް ވިދާޅުވީ، ރައްޔިތުންގެ ނިންމުން އޭނާ ޤަބޫލުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް، ބުދަ ދުވަހުގެ އިންތިޚާބުގައި އެއް ޕާޓީއަކުން ޤާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދާފައި ނުވާތީ، ޤައުމުގެ ބޮޑުވަޒީރުކަމަށް ބޭފުޅަކު އައްޔަނުކުރައްވާނީ އެ ޤައުމުގެ މިހާރުގެ ރަސްގެފާނުކަމަށް ނަޖީބް ވިދާޅުވިއެވެ.