މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން މާލޭ ސަރަޙައްދަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެދަށުން ޤާއިމްކުރި ފެންއުފައްދާ އައު މަރުކަޒު ހުޅުވައިފިއެވެ. މާލޭ ހަވީރީހިނގުމުގައި ޤާއިމްކުރި ފެންއުފައްދާ މިމަރުކަޒު ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އެންވަޔަރޮންމަންޓް އެންޑް އެނާރޖީ ޠޯރިޤް އިބްރާހީމްއެވެ.
ހަވީރީ ހިނގުމުގައި ޤާއިމްކުރި ފެން އުފައްދާ މަރުކަޒު، އާރުއޯ އެންކްސް 1 އަކީ ދުވާލަކު 2000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މަރުކަޒެކެވެ. އާރުއޯ އެނެކްސް 1 ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠޯރިޤް އިބްރާހީމް ވިދާޅުވީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކީ މުޅި މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑި މުޅި ނިޒާމަށް އައި ބޮޑު ލޮޅުމެއްކަމަށެވެ. އެ ހާދިސާ ހިނގި ދުވަހުން ފެށިގެން ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ފެށްޓެވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ފެނުގެ ރައްކާތެރިކަން ވަރުގަދަކޮށް ފެން ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިސަރުކާރު އާއިރު ކުންފުނިން އުފެއްދެނީ ދުވާލެއްގެ މައްޗަށް ވިހި ހާސް ކިއުބިކް މީޓަރުގެ ފެންކަމަށާއި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ހަތަވީސް ހާސް ފައްސަތޭކަ ކިއުބިކް މީޓަރުގެ ފެން އުފައްދާކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ފެންއުފައްދާ މިންވަރު ތިންހާސް ފައްސަތޭކަ ކިއުބިކް މީޓަރުން ނުވަހާސް ފައްސަތޭކަ ކިއުބިކް މީޓަރަށް އިތުރުކޮށްފައިވާކަމަށެވެ.
"ބްރިޖް މެދުވެރިކޮށް ޕައިޕް ގުޅަލެވިއްޖާ އެއް ނެޓްވޯކަކުން މަސައްކަތްކޮށްފިއްޔާ ވޯޓަރ ސެކިއުރިޓީ ހަރުދަނާ ވެގެންދާނެ. މިއީ ހުވަފެންތަކެއް ނޫން. އެކަމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެދަނީ. އެމްޑަބްލިއުއެސްސީގެ މާޒީގައި ވަކި ހިސާބަކުން 100 ޕަސެންޓް ހިއްސާ އޮއްވާ ރައީސް ނަޝީދު އެކުންފުނީގެ 20 ޕަސެންޓް ވިއްކާ ލީ ވަރަށް ކުޑަ އަދަދަކަށް ސަރުކާރުގެ ރިކަރަންޓް ޚަރަދު ފޫބެއްދުމަށް. ދައުލަތެއް ހިންގަން ނޭގޭ މީހަކަށް ދައުލަތުގެ ހަރު މުދާ ވިއްކާލުމަކީ ދައުލަތަށް އިޙްތިރާމް ނުކުރާތި ކުރި ކަމެއް." މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އަލަށް ހުޅުވި ފެން އުފައްދާ މަރުކަޒާއެކު ފެން ރައްކާކުރުމުގެ ބެކަޕް ނިޒާމް 35 އިންސައްތައަށް އިތުރުވެފައިވާކަމަށެވެ. ފެން އުފައްދާ ދެވަނަ މަރުކަޒު އުފެއްދުމަށް 28.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ، މާލޭގެ ބައެއް ސަރަޙައްދުތަކަށް ޕްރެޝަރުގައި ފެން ލިބުން ދަތިވެފައިވާތީ އެކަން ޙައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަކަމަށެވެ. އަދި މާލޭ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތާއެކު ފެނުގެ ނެޓްވޯކާއި ސްވަރޭޖް ނިޒާމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މި މަޝްރޫޢު ނިމިގެންދާއިރު މާލޭގެ ހުރިހާ ސަރަޙައްދަކަށް ޕްރެޝަރުގައި ފެން ލިބޭނެކަމަށެވެ.
"ފެނުގެ ބެކަޕް ޤާއިމްކުރުމަށް ކުރިން އުފެއްދި އާރުއޯ އެންކްސްއަށް 55 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވޭ. އަދި މިރޭ ހުޅުވިގެން މިދިޔަ އާރުއޯ އެނެކްސް 1 ޤާއިމްކުރުމަށް 28.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވިފަ. މިއީ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން މާލޭ ވޯޓާރ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެއް. ރައީސް ޔާމީން މި މަސައްކަތަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދޭ. މީގެ އިތުރުން ހުކުރު ދުވަހު މާލޭގެ ބައެެއް ސަރަޙައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ. އަދި ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް" ފަޒުލް ވިދާޅުވިއެވެ.
ފެނުގެ ޚިދުމަތް ދިނުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމް.ޑަބްލިއު.އެސް.ސީ އުފެއްދެވީ 1995 ވަނަ އަހަރުއެވެ. އަދި މިހާރު އެކުންފުނިން ދަނީ ފެނުގެ ޚިދުމަތުގެ އިތުރުން ނަރުދަމާގެ ޚިދުމަތްވެސް މާލެއާއި އަތޮޅު ތެރޭގައި ދެމުންނެވެ.