ގްރީން ސްޓްރީޓްސް ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގަ ތިންޕޮއިންޓެއް ލީޑް ދަމަހައްޓައިފިއެވެ.
އެސްޓީއޯ މާލެ ލީގުގައި ނިއުރޭޑިއަންޓާއި ކުލަބް ގްރީން ސްޓްރީޓް ވާދަކުރި މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި އުމައިރު ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އަލީ އަޝްފާގެވެ. ނިއުރޭޑިއަންޓުގެ ދެވަނަ ލަނޑު އަޝްފާގު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ ނަވާރަ ވަނަ މިނިޓްގައެވެ. މިއީ މިސީޒަންގައި އަޝްފާގު ކާމިޔާބު ކުރި ސާދަ ވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފްގެ ތެރޭގައި ނިއުރޭޑިއަންޓްގެ ގޯލް ބަލަހައްޓުމުންދިޔަ އިމްރާން މުހަންމަދު ފަޔައް އެރި ތަދަކާ ގުޅިގެން ބަދަލުގައި މުހަންމަދު ފައިސަލު ވަނީ ކުޅެން ނުކުމެފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްލީ އަލީ ފާސިރެވެ. ދެވަނަ ހާފް ކުޅުންފަށައިގެން ގްރީން ސްޓްރީޓްސްއިން ފުރަތަމަ ހާފާއި ހިލާފަށް ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައެވެ. މެޗުގެ ދެވަނަ ހާފްގައި ނިއުރޭޑިއަންޓުން އިތުރު ލަނޑެއްޖަހާ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްލިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ހަމްޒާ މުހައްމަދެވެ.
ގްރީންއަށް ސުންކަޑުވާލަ ދިނީ މެޗުގެ ނުވަދިހަ މިނިޓް ހަމަވެ އިތުރުވަގުތުގެ ތެރޭގައި ނިއުގެ ކީޕަރު ފައިސަލްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސޯބޯލް އިލިއާއެވެ.
މެޗަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނީ މިއީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި މިދިޔަ އަހަރުގެ މާލޭ ލީގުގެ ދެވަނަ ހޯދި ގްރީން ސްޓްރީޓް އާއި ބައްދަލުކުރި މެޗުގައި ބޭނުންވީ ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލް ވިކަމަށެވެ.
"ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު. އަހަރުމެން ހަމަޖެހިލި ވަގުތު އެމީހުން ގޯލް ޖެހީ. ގިނަ ޗާންސްތަކެއްވެސް ކްރިއޭޓްކުރެވުނު އެހެންވީމަ ހިތްހަމަޖެހިފައި މިހިރީ" އޮސްކާ ބުންޏެވެ. މ
މެޗުން ބަލިވި ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޓީމުގެ ފަހަތަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން މެޗުގައި ވަރަށް ގިނަ މިސްޓޭކްތަށް ފެނިގެންދިޔަ ކަމަށެވެ. އަދި ގިނަ ލަނޑު ތަކަކީ ހެދުނު މިސްޓޭކް ތަކުން ބައިކޮޅަށް ވަތް ލަނޑުތަކެއް ކަމުގައެވެ.
"ފަހަތުން ބައިވަރު ގޯސްތަކެއް ހެދިތަން މި ފެނުނީ، އެހެންވެ ނަތީޖާ މިގޮތަށް މި ފެނުނީ. ދެވަނަ ހާފުގައި ކުޅުން ރަނގަޅު ފުރަތަމަ ހާފަށްވުރެ" ސުޒޭން ބުންޏެވެ.