ރަމަޟާން މަހަށް ބޭނުންވާ ސާމާނު އެސްޓީއޯއިން ގެނެސް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. ރޯދަމަހަށް ޚާއްޞަކޮށްގެން މިފަހަރުވެސް އެސްޓީއޯއިންވަނީ އާއްމުކޮށް ރޯދަމަށް ބޭނުން ބާވާތްތައް ކަމަށްވާ އަލުވިއާއި ފިޔަލާއި ބިސް ގެނެސްފައެވެ.
އެސްޓީއޯއިން ބުނީ ރޯދައަށް ގެނައި ތަކެތި މާދަމާއިން ފެށިގެން ހޯލްސޭލްކޮށް އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އެސްޓީއޯ ގެ ސީނިއަރ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާން ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުރި އެސްޓީއޯ ގެ ފިހާރަތަކުން ރޯދަށް ގެނައި ތަކެތި ލިބޭނެކަމަށެވެ. އަދި ދެވަނަ ޝިޕްމަންޓް މިމަހުގެ ކުރީގެ ކޮޅު ލިބޭނެކަމަށެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގެނައި ތަކެތި ވިއްކަން ހަމަޖެހިފައިވާ އަގުތަކަށް ބަލާއިރު ފިޔާ ކިލޯއެއް 8 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކާނީ 170 ރުފިޔާއަށެވެ. ބިހެއް ވަކިން 1 ރުފިޔާ 30 ލާރިއަށް ގަންނަން ލިބޭއިރު ބިސް ކޭހެއް ވިއްކަނީ 200 ރުފިޔާއަށެވެ. އަލުވި ކިލޯއެއް ގެ އަގު 9 ރުފިޔާއަށް އުޅޭއިރު އަލުވި ބަސްތާއެއް 200 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މާލޭގެ 2 ސަރަޙައްދަކުން މާދަމާއިން ފެށިގެން ފިޔާ އަލުވި ބިސް އާންމުންނަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން އެސްޓީއޯ ސުޕަރ މާރޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުން ވެސް ފިޔާ އަލުވި ބިސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އިންޑަސްޓްރިއަލް ވިލެޖުން މި ޚިދްމަތް ދޭނީ ހަވީރު 4 އިން ފެށިގެން، ގަނޑުކޮށް ކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން އެސްޓީއޯ ހުރިހާ ފިހާރަތަކުން މާލޭގައި ހުންނަ އެސްޓީއޯގެ މައި ފިހާރައިން ލިބޭ އަގުގައި މިތަކެތި ލިބޭނެ ކަމަށާއި ފިޔާ ބިސް އަލުވި ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަޤީން ކަންވެސް އެސްޓީއޯއިން ވަނީ ދީފައެވެ.