އެކި ކުޅިވަރުތަކުގައި ޝާމިލްވެގެން އުޅޭ ކުޅިވަރު ކުޅުންތެރިންނަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަމާއި ޝައުޤުވެރިކަން ލިބިފައިވާ ބައެކެވެ.
ކުޅިވަރުގެ މައިދާނުގެ އިތުރުން އެމީހުންގެ އަމިއްލަ ދިރިއުޅުމަށްވެސް މީހުންގެ ސަމާލުކަން ހުއްޓެއެވެ. މީގެ ތެރެއިންވެސް އެމީހުންނަށް ލިބިފައިވާ މުއްސަނދިކަމާ ގުޅޭގޮތުން އަބަދުވެސް ވާހަކަދައްކައެވެ. މިގޮތުން މިފަހަރު ބަލާލަނީ ނިމުނު 2017 ވަނަ އަހަރު ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިންނަށެވެ.
މިލިސްޓު އެކުލަވާލާފައިވަނީ މިފަދަ ލިސްޓުތައް އާއްމުކުރާ އެންމެ ޤާބިލް ފަރާތްކަމަށްވާ، އެމެރިކާގެ ފޯބްސް މަޖައްލާއިންނެވެ. މިލިސްޓަކީ 2016 ވަނަ އަހަރުގެ ޖޫންމަހުން 2017 ވަނަ އަހަރުގެ ޖޫންމަހާ ދެމެދު ލިބުނު އާމްދަނީގެ މައްޗަށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
ފޯބްސް މަޖައްލާއިން އެކުލަވާލާފައިވާ ލިސްޓުގައިވާ ގޮތުން ކުޅިވަރު ކުޅުންތެރިންގެ މިލިސްޓުގައި ހިމެނޭ 100 ކުޅުންތެރިންގެ ޖުމްލަ އާމްދަނީ 3.11 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރު މިއަދަދު އުޅުނީ 3.15 ބިލިއަން ޑޮލަރުގައެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅުންތެރިންގެ ލިސްޓަށް ބަލާލާއިރު، އެންމެ ބޮޑު އާމްދަނީއަކާއެކު މިލިސްޓުގެ 1 ވަނަ ލިބެނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އުމުރުން 33 އަހަރުގެ ކްރިސްޓިއަނާ ރޮނާލްޑޯއަށެވެ. ޕޯޗުގަލްގެ ތަރިއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 93 މިލިއަން ޑޮލަރު ލިބުނުކަމަށް ފޯބްސްއިން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ރެއާލް މެޑްރިޑުން މުސާރައިގެ ގޮތުގައި ލިބުނު 58 މިލިއަން ޑޮލަރާއި ސްޕޮންސަރގެ ގޮތުގައި ލިބުނު 35 މިލިއަން ޑޮލަރެވެ. 31 އަށް ވުރެ ގިނަ ބޮޑެތި ކުންފުނިން ރޮނާލްޑޯ ސްޕޮންސަރކޮށްފައިވާއިރު އޭގެ ތެރޭގައި ކުޅިވަރާއި ފެޝަން އަދި އިންޑަސްޓްރިއަލް ވިޔަފާރިތައް ހިމެނެއެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅިވަރު ކުޅުންތެރިންގެ ލިސްޓުގެ 2 ވަނަ ލިބެނީ، މިދިޔަ އަހަރު މިލިސްޓުން 3 ވަނަ ލިބުނު އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއަށެވެ. އުމުރުން 33 އަހަރުގެ ބާސްކެޓް ބޯޅަ ކުޅުންތެރިޔާއަށް މިދިޔަ އަހަރު 86.2 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ މުސާރައިގެ ގޮތުގައި 31.2 މިލިއަން ޑޮލަރު އަދި އެންޑޯސްމަންޓާއި ސްޕޮންސަރޝިޕްގެ ގޮތުގައި 55 މިލިއަން ޑޮލަރެވެ. އޭނާއަކީ ދުނިޔެ ދުށް އެންމެ މޮޅެތި ބާސްކެޓްބޯޅަ ކުޅުންތެރިންކަމަށްވާ މައިކަލް ޖޯޑަންއާއި ކޯބީ ބްރަޔަންއަށްފަހު އެއް ސީޒަނެއްގައި މުސާރައިގެ ގޮތުގައި 30 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ބާސްކެޓް ބޯޅަ ކުޅުންތެރިޔާއެވެ.
2017 ވަނަ އަހަރު ކުޅިވަރު ކުޅެގެން އެންމެ ބޮޑު އާމްދަނީ ލިބުނި ކުޅުންތެރިންގެ ލިސްޓުގެ 3 ވަނަ ލިބެނީ އާޖެންޓީނާގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ލިއޯނެލް މެސީއެވެ. ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އުމުރުން 30 އަހަރުގެ ކުޅުންތެރިޔާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 80 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ފުޓްބޯޅަ ކުޅެގެން މުސާރައިގެ ގޮތުގައި ލިބުނު 53 މިލިއަން ޑޮލަރާއި އެންޑޯސްމަންޓާއި ސްޕޮންސަރޝިޕްގެ ގޮތުގައި ލިބުނު 27 މިލިއަން ޑޮލަރެވެ.
އެންމެ ބޮޑު އާމްދަނީ ލިބުނު ކުޅުންތެރިންގެ ލިސްޓުގެ 4 ވަނަ ލިބެނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑަރާއަށެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާއަށް މިދިޔަ އަހަރު 64 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. ނަމަވެސް މީގެ ތެރެއިން ޓެނިސް ކުޅެގެން ލިބުނީ އެންމެ 6 މިލިއަން ޑޮލަރެވެ. ބާކީ 58 މިލިއަން ޑޮލަރަކީ އެންޑޯސްމަންޓާއި ސްޕޮންސަރޝިޕްގެ ގޮތުގައި އޭނާއަށް ލިބުނި ފައިސާއެވެ.
އެންމެ ބޮޑު އާމްދަނީ ލިބުނު ކުޅުންތެރިންގެ ލިސްޓުގެ 5 ވަނަ ލިބެނީ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކެވިން ޑުރަންޓަށެވެ. ގޯލްޑަން ސްޓޭޓް ވޯރިއާސްއަށް ކުޅޭ ބާސްކެޓް ބޯޅަ ކުޅުންތެރިޔާއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 60.6 މިލިއަން ޑޮލަރު ލިބުނެވެ. އޭނާއަށް ބާސްކެޓް ކުޅެގެން 26.6 މިލިއަން ޑޮލަރު ލިބުނުއިރު، އެންޑޯސްމަންޓާއި ސްޕޮންސަރޝިޕްގެ ގޮތުގައި 34 މިލިއަން ޑޮލަރު ލިބުނެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބުނު 100 ކުޅުންތެރިންގެ ލިސްޓުގައި ހިމެނެނީ 11 ކުޅިވަރެއް ކުޅޭ ކުޅުންތެރިންނެވެ. 32 ކުޅުންތެރިންނާއެކު އެންމެ ގިނައީ އެމެރިކާގެ ނެޝަނަލް ބާސްކެޓް އެސޯސިއޭޝަން، އެންބީއޭގެ ކުޅުންތެރިންނެވެ. ބޭސްބޯލް ކުޅޭ 22 ކުޅުންތެރިން ހިމެނޭއިރު، އެމެރިކަން ފުޓްބޯލް ކުޅޭ 15 ކުޅުންތެރިން މިލިސްޓުގައި ހިމެނެއެވެ. އެންމެ ގިނަ ބަޔަކު ޝައުޤުވެރިވާ ފުޅުބޯޅަ ކުޅޭ ކުޅުންތެރިންގެ އަދަދު އުޅެނީ 9 ގައެވެ. ޓެނިސް ކުޅޭ 9 ކުޅުންތެރިން ލިސްޓުން ޖާގަ ހޯދިއިރު، އޮޓޯރޭސިންގައި ބައިވެރިވާ 5 ޑްރައިވަރުންވެސް މިލިސްޓުން ޖާގަ ހޯދިއެވެ. ލިސްޓުގައި ދެން ހިމެނެނީ ބޮކްސިންގ ތަޅާ 3 މީހަކާއި މާޝަލްއާޓްސް ކެޓަގަރީން އެކަކާއި ކްރިކެޓް ކުޅުންތެރިޔަކާއި ދުވުންތެރިއެކެވެ. މިލިސްޓުން 2016 ވަނަ އަހަރު 3 އަންހެން ކުޅުންތެރިން ޖާގަ ހޯދިއިރު، 2017 ވަނަ އަހަރުގެ ލިސްޓުން ޖާގަ ލިބުނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްއަށެވެ.