ރައީސުލްޖުމަހޫރިއްޔާގެ އަނބިކަންބަލުން ފާޠިމަތު އިބްރާހީމް ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ތ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ.
މިކެމްޕެއިނުގެ ދަށުން އެކަމަނާވަނީ ތިމަރަފުއްޓަށާއި، ވިލުފުއްޓަށް ވަޑައިގެންފައެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ވިލުފުށްޓަށް ވަޑައިގެން އެރަށުގައި ދިރިއުޅޭ ޚާސައް އެއްއީއަށް ބޭނުންވާ މީހުންނާއި، އަންހެންނުންނާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވިލުފުށީ ރައްޔިތުންގެ ފަރާތުން ވަނީ އެރަށާއި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެކިމައްސަލަތަކާއި ކަންބޮޑުވުންތައް އެކަމަނާއަށް ދަންނަވާފައެވެ. އެގޮތުން ގެދޮރުގެ ދަތިކަމާއި ފެނުގެ މައްސަލައާއި ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ރަށަށް ދިމާވެފައިވާ މައްސަލަތައް ރައްޔިތުންވަނީ އެކަމަނާއަށް ދަންނަވާފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ އެކަމަނާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން މެދުވެރިކުރައްވައި ރައްޔިތުންނަށް ޖަވާބު ދެއްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކި ސަބަބުތަކާހެދި ވިލިފުށީގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށްޓަވާނެކަމަށެވެ. އަދި އެކި ދާއިރާތަކުން ދަތިވެފައިވާ ކަންކަން ޙައްލުކުރެއްވުމަށް ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅުއްވާނެކަން މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުކުރެވުމުގައި ރައިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު ވިލިފުށީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެނިޒާމުގެ މަޝްރޫޢު ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތްދޭން ފަށާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިނަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަށްޓަވާފައިވަ ކެމްޕެއިނެކެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންގެ ދާއިރާއިން ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި އެކަންކން ޙައްލުކުރެއްވުމަށް ހިންގަވާ ކެމްޕެއިނެކެވެ.
އެކަމަނާ ތ.އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމުން އެރަށްރަށުގެ ރައްޔިތުންވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.