މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ބަޔަކު ގެންނަން މަސައްކަތްކުރި ބަޣާވާތުން ލިބޭ ފިލާވަޅަކީ މަޤާމްތަކާއި ޝަރަފްތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝަންތަކެއްނޫން ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 126 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ސިފައިންގެ 126 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަދުވަހުގެ ޙާދިސާއާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަދުވަހުގެ ޢުދުވާނީ ޙަމަލާގައި ހުރި އެއްގޮތްކަންތައްތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ލިބުނު ފިލަވަޅުތަކާއި ފެބުރުއަރީ މަހުގެ ފުރަތަމަދުވަހުގެ ފިލާވަޅުތަކުގައި ހުރި އެއްގޮތްކަން ސިފަކުރައްވާފައެވެ.
މިއަހަރުގެ ފެބުރުއަރީމަހުގެ ފުރަތަމަ ދުވަހުގެރޭ ސިފައިންގެ މައި މަރުކަޒށް އެމަނިކުފާނު ވަޑައިގަތީ ޤައުމުގެ ހާލަތު އޮތީ ރަނގަޅަށްކަން ވަޒަން ނުކުރެވޭހާލަތުގައިކަމަށާއި، ނަމަވެސް ސިފައިންގެ މައި މަރުކަޒުން އެމަނިކުފާނަށް މަރުޙަބާކީ ނުގުޑާފަދަ މާތް އަޒުމަކާއެކުކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ މަރުކަޒުތަކުން އެމަނިކުފާނަށް އިވެމުން ދިޔައީ ޤައުމާއި ދައުލަތް ސަލާމަތްކުރުމަށް ސިފައިން ކޮށްފައިވާ ހުވާގެ ނިދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އެދުވަހު ފެނުނީ ދައުލަތާއި ޤައުމު ސަލާމަތް ކުރުމަށް ސިފައިން ކުރާ މަސައްކަތަށް އެއްވެސް ފަސްޖެހުމެއް ނެތްކަމުގެ ނަމޫނާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެދުވަސްތަކުގައި ވަރަށް ހާސްކަމުގައި މަސައްކަތްކުރެއްވި ނަމަވެސް އެމަނިފާނަށްހިތްހަމަޖެހުން ލިބިވަޑައިގަތީ ޤައުމުގެ ހައްގުގައި ދިވެހި ދިދައިގެ ހިޔަލުގައި ތިބޭނެ ދިވެހިން އަބަދުވެސް ތިބޭނެކަމުގެ އުއްމީދާއި ކަށަވަރުކަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފެބުރުއަރީ 1 ގެ ހަމަލާ ކާމިޔާބުވިނަމަ އެންމެ ބޮޑު ފައިދާއެއް ވާނީ ކޮންބަޔަކަށްތޯ ރައީސް ސުވާލުކުރެއްވިއެވެ. ރޭވިފައިވާ ގޮތަށް އެކަން ނުހިނގުމުން އެކަމުގެ ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އެންމެ ބޮޑުވެފައިވަނީ ކޮންބައެއްތޯވެސް ރައީސް ވަނީ ސުވާލުކުރައްވާފައެވެ. އަދި
1 ފެބުރުއަރީގެ ހާދިސާއިން ލިބޭ ފިލާވަޅަކީ މަތީ މަޤާމުތަކާއި ޝަރަފްތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝަނެއް ނޫންކަންކަމަށާއި، އެދުވަހު ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަމާއި ޝަރަފް ވިއްކާލީ އެންމެ އިތުބާރު ހިފެންޖެހޭ މަޤާމްތަކުގައި ތިއްބެވި ފަރާތްތައްކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް 3 ނޮވެމްބަރުގައި ޤައުމު ސަލާމަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އުމުރުން އެންމެ 20 އަހަރުގެ ޒުވާން ކޯޕްރަލެއްކަމަށާއި، އޭނާގެ ފުރާނައަށް ނުރައްކާވި ވަގުތުވެސް އެދުނީ ހަނގުރާމަކުރަން އިތުރު ވަޒަން ފޯރުކޮށްދިނުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
""ހިތްޕުޅަށް ގެންނަވާ. ވިސްނާ ވަޑައިގަންނަވާ. މިއަށްވުރެ ބޮޑަށް މިކަން ސާބިތުކޮށްދޭނެ ކަމެއް އެބައޮތްތޯ؟ ޝަރަފާ ޤައުމީ ޒީނަތުން އިއްޒަތްތެރިވާ ބޭފުޅުންނާއި ޢިލްމުގެ ޚަޒާނާއިން ޢިލްމު އުގެނިފައިވާ ބޭފުޅުންނާއި ޤައުމަށް ކަމެއް ދިމާވިހިނދު ކަންތައް ކުރެއްވި ގޮތާ މިޒުވާން ކޯޕްރަލާ ދޭތެރޭގައި ޤައުމީ ހައިސިއްޔަތަކުން އަޅުގަނޑުމެން ކިރާލާއިރު އަގު ބޮޑީ ކާކުތޯ؟"ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ފެބުރުއަރީ އެއްވަނަ ދުވަހު ކެތްތެރިކަމާއެކު މަސައްކަތް ނުކުރިނަމަ މިއަދު ދިވެހިރާއްޖޭގެ ވެރިކަން ކުރާނީ ކޮންބައެއްތޯ ވަރަށް ވިސްނުންތެރިކަމާއެކު އަޅުގަނޑުމެންގެ ހިތަށް ޚިޔާލަށްގެނެސް ސުވާލު ކޮށްލަންޖެހޭކަމަށާ، މިއަދުގެ ދުނިޔޭގައި ޤައުމުތަކަށް ހަމަލާދެނީ ހަމަ އެޤައުމުތަކުގެ ރައްޔިތުން ބޭނުންކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭރުގެ ފަރާތްތަކުގެ ހަމްދަރުދީ އަންނަނީ ޑިމޮކްރަސީގެ ނަމުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިސްލާމްދީން ދޫކޮށްލުމަކީ ޖިނާޢީ ކުށެއްކަމަށް ކަނޑައަޅާފައިވަނީ އެންމެ 13 ޤައުމެއްގަކަމަށާއި އޭގެ ތެރެއިން އެއް ޤައުމަކީ ރާއްޖެކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދަތިތަކާއި އެކިކަހަލަ ފިއްތުންތައް ރައީސް ފާހަގަކުރެއްވިއެވެ.