މަސްވެރިކަން ދަށް ދުވަސްވަރު މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތަށް ސަރުކާރުން ދޫކުރައްވަން ތައާރަފު ކުރި ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފަންސާސް ފަސް އުޅަނދެއްގައި ވެސެލް މޮނިޓަރިންގ ޑިވައިސް ހަރުކުރަން ފަށާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި އުޅަނދުގައި ވެސެލް މޮނިޓަރިންގ ޑިވައިސް މި މަހުގެ ނިޔަލަށް ހަރުކުރެވި އެ ފަރާތްތައް ސްކީމްގައި ބައިވެރިކުރެވޭނެކަމަށާއި ވިހި މަސްވެރިން މިހާރު ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރިކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
ބެޔަސް ނުބެޔަސް ސްކީމްގެ ދަށުން ފަސްދޮޅޮސް ފަސް ފޫޓަށް ވުރެ ބޮޑެތި އުޅަނދު ފަހަރުތަކުން މަހަށް ދާ ކޮންމެ މަސްވެރިއަކަށް ދިހަހާސް ރުފިޔާ ލިބޭއިރު ސާޅިސް ފަސް ފޫޓާއި ފަސްދޮޅޮސް ފަސް ފޫޓާއި ދެމެދުގެ އުޅަނދުފަހަރުގައި މަހަށް ދާ މަސްވެރިންނަށް މަހަކު ފަސްހާސް ރުފިޔާ ލިބޭނެއެވެ. ސާޅީސް ފަސް ފޫޓުން ދަށުގެ އުޅަނދު ފަހަރުގައި މަހަށް ދާ މީހުންނަށް ތިންހާސް ފަސްސަތޭކަ ރުފިޔާ ލިބޭނެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން ފައިސާ ދޫކުރެވެނީ ތިންމަހުން ތިންމަހަށް ބެލުމަށްފަހު އާމްދަނީގެ ގޮތުގައި މަހަކު ދިހަހާސްރުފިޔާ ނުލިބޭ ފަރާތްތަކަށްކަމަށެވެ.