ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެ މީހަކު ފަނޑިޔާރުކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުކަމުގެ މަޤާމުގެ ގެއްލޭގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ބާތިލުކުރަމަށް ސުޕްރީމް ކޯޓަށް ހުށައެޅީ ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެންބަރު އަނާރާ ނައީމުއެވެ.
މި މައްސަލަ ނިންމާ ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު އިއްވި ހުކުމުގައި ވަނީ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރާއިރު އެމީހަކީ ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކަށް ވުމަކީ ޝަރުތެއްކަމަށެވެ. އަދި އެ ޝަރުތު އެގޮތަށް އޮއްވާ މަޤާމާށް އައްޔަންވުމަށްފަހު ކުށެއް ސާބިތުވުމުން މަޤާމު ޝަރުތަކުން ޝަރުތެއް އުނިވާނެކަމާއި އެ ހާލަތުގައި އެމީހަކު އޮޓަމެޓިކުން މަޤާމުން ވަކިވެގެންދާނެކަމަށެވެ.
އަދި ފަނޑިޔާރުންނަކީ އަހުލާގު ރަގަޅު ބަޔަކަށް ވާންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި ފަނޑިޔާރުކަމުގެ ޝަރުތުތަކާއި ގުޅޭ އުސޫލުތަކެއް ޤާނޫނަކުން ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެކަމެއްކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެއެވެ. އަދި އެއީ ފަނޑިޔާރުންގެ މިނިވަންކަން ގެއްލޭނެކަމެއް ނޫންކަމަށްވެސް ސުޕްރީމުކޯޓުގެ ހުކުމްގައިވެއެވެ.
ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ އަދާލަތުގެ ސިފަ ހުންނަންޖެހޭ މީހަކަށްވާންޖެހޭނެކަމަށް ޖުމްހޫރި އިލްމުވެރިންގެ ބަހުން އެގޭކަމަށާއި ފާފަތަކަށް އަރައިގަންނަ ފާސިގެއްނަމަ ފަނޑިޔާރުކަމަށް އެމީހަކު އައްޔަނުކޮށްގެން ނުވާނެކަންވެސް އިލުމުވެރިންގެ ބަސްތަކުން އެގޭކަމަށްވެސް ހުކުމްގައިވެއެވެ.
ފަނޑިޔާރުން އަންޔަން ކުރުމަށް ޤާނޫނުގައި ކަނޑައަޅާ ޝަރުތަކަށް ބިނާކޮށް ޤާނޫނެއް ހެދުމަގެ ބާރަކީ ރައްޔިތުން މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށްވެސް ސުޕްރީމްކޯޓުގެ ހުކުމްގައިވެއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކުރި އިރު މަޖިލީހުގައި 43 މެންބަރުން ތިބޭންޖެހޭނެކަމަށް ބުނެ މައްސަލަ ހުށައެޅި ފަރާތުން ނެގި ނުކުތާއަށްވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވަނީ ޖަވާބުދީފައެވެ. އެގޮތުން ގާނޫނަށް ގެނައި އިސްލާހު ފާސްކުރުމަށް އުސޫލުން 43 މެންބަރުން ހަމަވާންޖެހޭނެކަމަށާއި އެހެންނަމަވެސް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކުރިއިރު އޮތީ ޒަރޫރީ ހާލަތެއްގައިކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމުގައިވެއެވެ. އެގޮތުން ގަސްދުގައި މެންބަރުން ޖަލްސާއަށް ހާޒިރުނުވެ މަޖިލިސް ނުކުޅެދުންތެރި ހާލަތަށް ގޮސްފައި އޮތްކަންވެސް ސުޕްރީމުކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.