މިއަހަރުން ފެށިގެން ފަންސަވީސް ބުރީގެ އެތައް ޢިމާރާތެއް މާލެއިން ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތަރައްޤީގެ ތަސައްވުރު ހިމަނާފައިވާ "ރަށްވެހި ތަރައްޤީ" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރަށްވެހި ތަރައްޤީ" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ތަރައްޤީއާއި އެކީ ރާއްޖޭގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުވާންޖެހޭކަމަށެވެ. މާލޭގެ ރައްޔިތުންނަށް ކުރިން ދިމާވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ބައެއް މިސާލު ނަންގަވާ ވާހަކަފުޅު ދައްކާވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ހައްލު ނުވި މައްސަލައެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްކޫލްތަކަށާއި، މާލޭގައި ދިރިއުޅޭ އެތައް ރައްރިތުންނަކަށް އޭގެ އުނދަގުލާ ކުރިމަތިވިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގެ ހައްލު މި ސަރުކާރުން ގެނެސްދެއްވިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ޓްރެފިކް ތޮއް ޖެހުމުގެ މައްސަލައާއި ގެދޮރުގެ ދަތިކަމާއި ބިން ފުރިފައިވާ މައްސަލައަކީ ހައްލެއް ނުހޯދޭނެ މައްސަލަތައްކަމަށް އެތައް ބަޔަކު ޤަބޫލުކުރިކަމަށެވެ. ޓްރެފިކް މައްސަލައަކީވެސް ހައްލު ހޯދޭނެ މައްސަލައެއްކަމަށާއި، އެކަމަށް ހައްލު ގެންނާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީ އާއި އެއްވަރަށް އެފަދަ ހުރިހާ މައްސަލައަކަށް ހައްލު އަންނަންޖެހޭކަމަށާއި، މާލެއަކީ ޖާގަ ތަނަވަސް ތަނަކަށް ހައްދާވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަންސަވިސް ބުރީގެ ޢިމާރާތެއް އެޅޭނީ ހަމައެކަނި ސަރުކާރަށް އެކަނި ނޫންކަމަށާއި، މިއަދު 25 ބުރީގެ ޢިމާރާތް އަމިއްލަ ފަރާތްތަކަށްވެސް އެޅުމުގެ ހުއްދަ އޮންނާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރުން ފެށިގެން ފަންސަވީސް ބުރީގެ އެތައް ޢިމާރާތެއް ފެންނަމުންދާނެކަމަށެވެ.
މާލެއާއި އެއްވަރަށް އަތޮޅުތަކަށްވެސް ތަރައްޤީ އަންނަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ފެނާއި ނަރުދަމާގެ ފަސޭހަކަން ރަށްރަށުގެ ރައްޔިތުންނަށް މިހާރު ލިބެމުން އަންނަކަމަށެވެ. އެގޮތުން 21 ނަރުދަމާގެ މަޝްރޫޢު ނިންމާ 42 ރަށުގައި ނަރުދަމާ މިއަހަރު ނިމުމުގެ ކުރިން ނިންމޭނެކަމަށާއި އާބާދީގެ 75 އިންސައްތައަށް އެ ޚިދުމަތް ލިބޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. ބަނދަރުގެ މަޝްރޫޢުތައް މިދިޔަ އަހަރު 50 ރަށެއްގައި ހިންގާފައިވާކަމަށާއި، މިއަހަރު 30 ރަށުގައި އެ މަޝްރޫޢު ނިމުމުން ޖުމްލަ 59 ރަށުގައި އެ މަޝްރޫޢު ހިންގާނިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވަޒީރުންގެ މަޖލިސް ބޭއްވުން އެއީ ބޮޑުކަމަކަށް ވެފައިވާތީ އެކަމަށްވެސް އެމަނިކުފާނު ބަދަލު ގެންނެވިކަމަށެެވެ. އެގޮތުން އެމަނިކުފާނުގެ ވަޒީރުންގެ މަޖިލިސް ދެ ބަޔަކަށް ބައްސަވާލައްވައިގެން އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލް އުފައްދަވާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީއަށް ބޭނުންވާ ޕްލޭންގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.