ޚަބަރު

ރިޔާޒު 4 މަހާއި 24 ދުވަހަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި


ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ފުލުހުންގެ ތަހުޤީޤަށް އޭނާގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި ކުށްވެރިނުވާކަމަށް ދަށުކޯޓުން ކުރި ހުކުމު ބާޠިލުކޮށް ހަތަރު މަހާއި 24 ދުވަހަށް އޭނާ ޖަލަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ރިޔާޒުގެ ފޯނު ހިފަހައްޓައި އޭނާގެ ފޯނު ހުޅުވަން ފިން ކޯޑް ދިނުމަށް އެންގުމުން އެކަން ނުކުރި މައްސަލާގައި ދައުލަތުން ވަނީ ރިޔާޒާއި ދެކޮޅަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ރިޔާޒު ކުށްވެރިނުވާކަމަށް ކްރިމިނަލްކޯޓުން ނިންމި ނިންމު ހައިކޯޓުން މިއަދު ވަނީ ބާޠިލުކޮށްފައެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް އޭނާ ޖަލަށްލުމަށްވެސް ހައިކޯޓުން ކުރި ހުކުމްގައިވެއެވެ.

ދައުލަތުން ރިޔާޒާ ދެކޮޅަށް ދައުވާކުރި މައްސަލަ ސާބިތުނުވާކަމަށް ނިންމައި ކުރިމިނަލްކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ އެ މައްސަލާގައި ހެކިބަސް ދިންމީހުގެ ހެކިބަހުގައި ފުށު އެރުންތައް ހުރިކަމަށެވެ.

ދަށުކޯޓްގެ ހުކުމް ބާތިލުކޮށް ހައިކޯޓުން އިއްވި ހުކުމުން ރިޔާޒުގެ މެންބަރުކަމެއް ނުގެއްލޭނެއެވެ. އެހެންނަމަވެސް ހުކުމް ތަންފީޒުކުރަމުންދާ ދުވަސްވަރު އެނާ ރައްޔިތުން މަޖިލހުގެ ޖަލްސާތަކަށް ހާޒިރުކުރާކަށް ނުޖެހޭނެއެވެ. ޤާނޫނު އާސާސީ ބުނާގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނީ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއް ޖިނާއީ ހުކުމެއް އައުމުންނެވެ.