ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި އިދިކޮޅު ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ އަވަށްތަކާއި ވިލެޖުތަކުން ފޭބުމަށް އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރަމުން ސޫރިޔާ ސަރުކާރުން ބުނީ އެ ސަރަޙައްދުތަކުން ފޭބުމަށް އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވީ، ހަނގުރާމައިގައި އަމާންދިނުމުގެ އުސޫލުގެ މަތިންކަމަށާއި، އެ ކަން ތަންފީޒު ކުރުމަށްޓަކައި އަމާންދިނުމުގެ ޝާމިލް އެއްބަސްވުމެއް ތައްޔާރުކުރަމުން ގެންދާކަމަށެވެ.
ދިމިޝްގުގެ ކައިރީގައި އިދިކޮޅު ޖަމާއަތްތަކުގެ ނުފޫޒު އެންމެ ބޮޑު ސަރަހައްދު ކަމަށްވާ އިރުމަތީ ޣޫޠާގައި އެ ޖަމާއަތްތައް ބަލިކޮށް، އެ ސަރަހައްދު އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމުގައި ސޫރިޔާ ސިފައިން ކާމިޔާބު ހޯދުމުން ހަނގުރާމަވެރި ޖަމާއަތްތަށްވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޣޫޠާ މިނިވަންކުރުމަށް ރަޝިޔާގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަން ދެމަސްދުވަހަށް ދިގުލައިގެން ގޮސް އެތައް ބަޔަކު މަރުވެ ގިނަ ލޭއޮހޮރުވުންތަކެއް ހިނގާފައިވެއެވެ.
އެ އޮޕަރޭޝަނުގައި ސޫރިޔާ ސިފައިންވަނީ އެމެރިކާ، ޤަތަރު އަދި ތުރުކީވިލާތުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށް ޣޫތާއިން ފޭބުމަށް އެޖަމާޢަތްތަކަށް މަޖުބޫރުކޮށްފައެވެ. އެއަށްފަހު ސޫރިޔާ ސިފައިންވަނީ ޣޫތާގެ ބައެއް ސަރަޙައްދުތަކުގައި ފިލައިތިބި އައިއެސް ހަނގުރާމަވެރިން ހޯދާފައެވެ. ޣޫޠާ މިނިވަންކުރެވުމާއެކު ދިމިޝްގުގެ ކައިރީގައިވާ އަވަށްތަކާއި ވިލެޖްތަކުގެ ތެރެއިން އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައި އޮތީ ދިމިޝްގުގެ ދެކުނުގައިވާ ޔަރްމޫކު ރެފިއުޖީ އަވަށާއި ހަޖަރުލްއަސްވަދު އަވަށް ފަދަ މަދު އަވަށްތަކެކެވެ.
ސޫރިޔާގެ ލަޝްކަރުތަކުން އެއަވަށްތައް ވަށާލައި ޙިސާރުކޮށްފައިވާއިރު އެ އަވަށްތަކުގައި މާ ގިނަ ދުވަހު ފައިހަރުކޮށްލައިގެން ހަނގުރާމަވެރިންނަށް ނުތިބެވޭނެކަމަށް ތަޖުރިބާކާރުން ދެކެއެވެ. ސޫރިޔާ ސިފައިން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ޔަރްމޫކު ރެފިއުޖީ އަވަށާއި ހަޖަރުލްއަސްވަދު އަވަށް ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކުރުމުގެ އޮޕަރޭޝަން ފަށާފައިވާކަމަށެވެ. އަދި ހުކުރުދުވަހު ސޫރިޔާ ސިފައިން ބުނެފައިވަނީ އެ އަވަށްތަކާއި ވިލެޖްތަކުން ފައިބައި އަމާންދިނުމަށް އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ އަމާންދިނުމުގެ އެއްބަސްވުން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މުއްދަތުގައި އިދިކޮޅު ހަނގުރާމަވެރިން އިސްވެ ޙަމަލާ ނުދޭނަމަ ސޫރިޔާ ސިފައިންވެސް ހަމަލާ ނުދޭނެކަމަށް އެ ޤައުމުން ބުނެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު ހަނގުރާމަކުރި ޖަމާއަތްތައް މިހާރުވަނީ ބަލިވެފައި.
އެ ޖަމާއަތްތަކުގެ އަތްދަށުގައިއޮތް ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް އަށްޑިހަ އިންސައްތަ ބިން ވަނީ އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މިހާރު ސޫރިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ސޫރިޔާގެ ކުރުދީންނާ ގުޅިގެން އެ ޤައުމުގެ އިރު އުތުރުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކެވެ. އެ ސަރަހައްދުތައް އޮތީ އެމެރިކާއާއި އެމެރިކާގެ މަދަދު ލިބޭ ކުރުދީ ހަނގުރާމަވެރިންގެ އަތްދަށުގައި ކަމުން، އެ ތަނުގައި ކުރުދީންނަށް ވަކިދައުލަތެއް އުފައްދައިދިނުމުގެ ސިއްރު އެޖެންޑާއެއް އެމެރިކާ ގެންގުޅޭކަމަށް ސޫރިޔާ ސަރުކާރުން ދެކެއެވެ.