ޚަބަރު

އެމެރިކާއިން ސޫރިޔާއަށް ދިން ހަމަލާގެ މަޤްޞަދު ޙާޞިލްވިކަމާމެދު ސުވާލު އުފެދިފައި


މިދިޔަ ހޮނިހިރު ދުވަހު ހުޅަނގުގެ ބާރުތަކުން ސޫރިޔާގެ ސަރުކާރުން ހިންގާ ކެމިކަލް ޕްރޮގްރާމްގެ ސައިޓްތަކަށް ވަރުގަދަ ހަމަލާތައް ދިންނަމަވެސް މި ހަމަލާގެ ސަބަބުން ސޫރިޔާގެ ކެމިކަލް ޕްރޮގްރާމްއަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެއް ވިދާޅުވެއްޖެއެވެ.

ހުޅަނގުގެ ބާރުތަކުން ސޫރިޔާގެ ތިން އަމާޒަކަށް މިދިޔަ ހޮނިހިރު ދުވަހު ވަރުގަދަ ވައިގެ ހަމަލާތައް ދީފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ސޫރިޔާގެ އިރުމަތީ ޣޫޠާގެ ދޫމާއަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދިންކަމަށް ބުނާ ކެމިކަލް ހަމަލާގެ ރައްދުގައެވެ. ސޫރިޔާގެ ދޫމާގައި ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގައި ފަސްދޮޅަހަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ސޫރިޔާގެ އެކްޓިވިސްޓް ޖަމާޢަތްތަކުން ބުނާ އިރު ސޫރިޔާގެ އަސްކަރިއްޔާ އާއި އެ ޤައުމަށް ވާގިވެރިވެދޭ ރަޝިޔާއިން ވަނީ މިކަން ދޮގުކޮށްފައެވެ.

ސޫރިޔާއިން ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދިން ހަމަލާ، ބައިނަލްއަޤުވާމީ މުސްތަޤިއްލު ތަޙުޤީޤަކުން ކަށަވަރުކޮށްދީފައި ނުވާއިރު ހުޅަނގުގެ ބާރުތަކުން އެ ޤައުމުގެ ތިން އަމާޒަކަށް ހަމަލާދިނުމުގެ ސަބަބުން އެ ޤައުމުތަކަށް ވަނީ އެ ޤައުމުތަކުގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައިނަލްއަޤުވާމީ އެހެނިހެން ފަރާތްތަކުގެ ފާޑުކިއުންވެސް އަމާޒުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި، ހުޅަނގުގެ ބާރުތަކުން ދިން ހަމަލާގެ ސަބަބުން ސޫރިޔާގެ ކެމިކަލް ހަތިޔާރާ ބެހޭ ޕްރޮގްރާމްއަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް އެމެރިކާ ސަރުކާރުގެ ހަތަރު އޮފިޝަލަކު މިވަނީ ވިދާޅުވެފައެވެ.

ނަން ހާމަ ކުރައްވަން ދެކޮޅު ހެއްދެވި އެމެރިކާ ސަރުކާރުގެ އޮފިޝަލުންތައް ވިދާޅުވީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބެލުމުގެދަށުގައި ހުރި ކެމިކަލް ހަތިޔާރުތައް ހުރީ އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ފަތުރާފައިކަމަށާއި މި ތިން އަމާޒަށް ހަމަލާދީގެން އަސަދުގެ ޕްރޮގްރާމަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް ޖާސޫސީ މަޢުލޫމާތުތައް ދައްކާކަމަށެވެ. އަދި ސޫރިޔާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ކެމިކަލް ހަތިޔާރު ރައްކާކޮށްފައިވަނީ ސްކޫލްތަކާއި ޢާއްމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކުގައި ކަމަށްވެސް އެމެރިކާގެ އިތުރުން ހުޅަނގުގެ އެހެން ބާރުތަކުގެ ޖާސޫސީ މަޢުލޫމާތުން ދައްކާ ކަމަށްވެސް މި އޮފިޝަލުން ވަނި ވިދާޅުވެފައެވެ.

ރައްދުގައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ވިދާޅުވީ، ހުޅަނގުގެ ބާރުތަކުގެ މި އޮޕަރޭޝަންތަކުގެ ބޭނުމަކީ ސޫރިޔާގެ ސަރުކާރު ޖަވާބުދާރީކުރުވާ، ކުރިއަށް އޮތް ތަނުގައި ސޫރިޔާގެ ސަރުކާރަށް ކެމިކަލް ހަތިޔާރު ބޭނުންކުރަން ފަސްޖެހޭނޭވަރު ކުރުންކަމަށެވެ. އެމެރިކާ އާއި ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައިވާކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.