ފެބްރުއަަރީ 1 ގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ދުރާލައި ބަޔަކު ސިގްނަލް ދީފައިނެތްނަމަ އެއަމުރުގެ ކަންކަން ބަޔަކަށް ނުކުރެވުނީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 85 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފުލުހުންނާ މުޚާޔަބު ކުރައްވައި ރައީސް ވިދާޅުވީ، ފެބްރުއަަރީ 1 ގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ދުރާލާ އެ ސިގްނަލް ބަޔަކު ދީފައި ނެތްނަމަ، އެއްގޮތަކަށް ބަޔަކަށް ކަންތައްތަކެއް ނުކުރެވުނީސްކަމަށެވެ.
އަދި މިއަމުރުގެ ކުރިން ސިޔާސީގޮތުން ހިނގާފައިވާ ބައެއް ކަންކަމުގައިވެސް ފުލުހުންގެތެރެއިން ބައެއްގެ ބައިވެރިވުން އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
""ކިތަންމެ ރައްޔިތުން ބަލައިގަންނަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދަޔަ ނަމަވެސް މަދުމަދުން މި ދަންނަވާ މިސްރާބުން ކައްސާލައިގެން ދިޔަ ކަންމުގެ ތެރޭގައި މިއަދު މިވަނީ ފުލުހުންގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އިތުރަށް އާލާ ކުރަން ޖެހިފައި، އެއަށް ރީޒަން ދިނީ ފުލުހުން، އެއަށް ރީޒަން ދިނީކީ ރައްޔިތުންނެއް ނޫން،"ރައީސް ޔާމީން
ރައީސް ވިދާޅުވީ ފުލުހުންނަކީ ސިޔާސީ ވިސްނުންތައް ގެންގުޅެންޖެހޭ ބައެއްނޫންކަމަށާއި، ރައްޔިތުންގެ ތާޢީދާއި ރުހުން ހޯދަންޖެހޭ ބައެއްވެސް ނޫންކަމަށެވެ. ފުލުހުންނަކީ ކޮންމެ ޙާލެއްގައިވެސް ޤާނޫނު ނަގަހައްޓައި، ޤާނޫނު ތަންފީޒުކުރަން ތިބޭ ބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ފުލުހުން މެދުވެރިކޮށް ސިޔާސީ އެކި ފަަރާތްތަކުން ކުރަން ވިސްނާ ކަންކަމަށް ޖާގަދީގެންނުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރެއް ހިންގަން ވޯޓަކުން އިންތިޚާބުވެފައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް ދަތިވާ ގޮތަށް ޤާނޫނާ ޚިލާފަށް ކޮންމެ ފަރާތަކުން ކަމެއްކުރިޔަސް އެކުރާ ކަމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ ފުލުހުންނަކީ އަބަދު ސިޔާސީ ފަރާތްތަކަށް ބޯލަނބަން ޖެހޭ ބައެއް ނޫން ކަމަށާއި ދެން ވެރިކަމަށް އަންނާނީ ކާކުތޯ ފުލުހުން ވިސްނާކަށް ނުޖެހޭކަމަށެވެ.