ޚަބަރު

ވިއެޓްނާމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި


ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ފާމް ތި ބިކް ނޮގް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ވިއެޓްނާމްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، ދެޤައުމުގައި ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރައްވާ ދެޤައުމުން ވެސް ޝައުޤުވެރިވާ ބައިނަލްއަޤުވާމީ ރޮނގުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވިއެޓްނާމްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެ، ދެޤައުމުގެ ގުޅުން ކުރިއަށްއޮތްތާނގައި އިތުރު ދާއިރާތަކުން ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކުގައި އެހީވުމަށް އެ ޤައުމު އޮތީ ތައްޔާރަށްކަން ވިއެޓްނާމްގެ ސަފީރު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ނާޒިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރުގެ އަރިހުގައި ވިއެޓްނާމް އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިސްޓަރ ވޫ ނޮގް ޓުއާން ބައިވެރިވެވަޑައިގެންނެވިއެވެ.