މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޗައިނާގެ އިޤްތިޞާދު، %6.85 ގެ ކުރިއެރުމެއް ހޯދާފައިވާކަމަށް ޗައިނާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޗައިނާގެ ސަރުކާރުން ޢާއްމުކުރި، ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހާ ދެމެދު ޗައިނާގެ އިޤްތިޞާދު ވަނީ %6.5ގެ ކުރިއެރުމެއް ހޯދާފައެވެ. މިއީ ޗައިނާގެ އިޤްތިޞާދު، މި މުއްދަތުގައި ހޯދާނެކަމަށް ސަރުކާރުން ކުރިން އަންދާޒާކުރި މިންވަރުގެ ކުރިއެރުމެކެވެ.
ޗައިނާގެ އިޤްތިޞާދީ ދުވެލި މިހާ ރަނގަޅުވެފައި މިވަނީ، އެ ޤައުމުގެ ވިޔަފާރީގެ ސިނާޢަތަށް ލިބިފައިވާ ކުރިއެރުންތަކުގެ ސަބަބުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ގޮތުން މި އަހަރުގެ މި މުއްދަތުގައި ޗައިނާގެ ރީޓެއިލް ވިޔަފާރީގެ ސިނާޢަތަށް ދިހައެއް ޕޮއިންޓް އެކެއް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ޗައިނާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ އިޤްތިޞާދަށް މިވަރު ބޮޑު ކުރިއެރުމެއް ލިބުނުނަމަވެސް މިކަމުގައި އަދިވެސް ކަންބޮޑުވާންޖެހޭ ކަންކަން ހުރިކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ދެކެއެވެ. އެ ގޮތުން ޗައިނާގެ ސަރުކާރުގެ ދަރަނި އިތުރުވެދާނެކަމީ، އެ ޤައުމުގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށްވެސް އިޤްތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަހަރުގެ ދެވަނަ ތިން މަސްދުވަހުވެސް ޗައިނާގެ އިޤްތިސާދު ކުރިއަރާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.