މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖެހި ދެލަނޑުން ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދައިގެން، ކްލަބް އީގަލްސް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔޫވީގެ މައްޗަށް އީގަލްސް ކުރި ހޯދީ 4-2 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ އީގަލްސްއަށް ކުރި ހޯދައިދިނީ ނާއިމްއެވެ. އޭނާ ލަނޑު ޖެހީ ގޯލް އޭރިޔާ ތެރޭގައި މުޅިން ހުހަށް ހުއްޓާ ކީޕަރުވެސް ނައްޓާލުމަށްފަހު ރާއިފް ދިން ބޯޅައިންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް، އަވީންއަށް އަނިޔާ ވެގެން ބަދަލުގައި ކުޅެން ނިކުއިން ފައިރޫޒް ޔުނައިޓެޑް ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭނާ ލަނޑު ޖެހީ ލިބުނު ކޯނަރަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރު ޖަހާ ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަނަވަސްކުރީ އީގަލްސްއިންނެވެ. އޭގެތެރެއިން އެއް ބޯޅަ ޑިފެންޑަރު ވާހި ދިފާއުކުރީ ގޯލްގެ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ.
ދެވަނަ ހާފް ފެށިގޮތަށް ފުރަތަމަ ހަމަލާ އުފެއްދީ ޔުނައިޓެޑް ވިކްޓްރީންނެވެ. ރަފީނިއާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ޖެހިގެން އައި މިނިޓްގައި އީގަލްސްގެ އެޑުއާޑޯއަށް ލިބުނު ފުރުޞަތުވެސް ބޭނުމެއް ނުކުރެވުނެވެ. އެދަނޑިވަޅުގައި ޔުނައިޓެޑް ވިކްޓްރީން ލީޑް ނެގީ ސެމިއުލް ކީޕަރު ބޯމަތިން ގޯލަށް އޮއްސާލި ބޯޅައިންނެވެ. ނަމަވެސް ލަނޑަށް މިނިޓެއްވެސް ނުވަނީސް އެޑްއާޑޯ ގޯލް ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭނާ ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ފޮނުވާލި ބާރު ދެ ބޯޅައެއް ކީޕަރު ޠޮލާލް ދިފާއުވެސްކުރިއެވެ. އަދި ގޯލާ އަމާޒުނުވެވެސް ރަނގަޅު ފުރުޞަތުތަކެއް ބޭކާރުވިއެވެ. ނަމަވެސް ދެވަނަ ހާފްގައި އީގަލްސްގެ ތިން ލަނޑުވެސް ޖެހީ އެޑްއާޑޯއެވެ. އީގަލްސްގެ ފަހު ދެ ލަނޑު އޭނާ ޖެހި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ގާތްގާތުގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.
މެޗަށްފަހު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނީ ފަހުވަގުތާ ހަމައަށްވެސް ކުޅުންތެރިން މަސައްކަތް ކުރުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކުޅުންތެރިން މިރޭ ރަނގަޅަށް ކުޅެ ފުރުޞަތުތައްވެސް ތަނަވަސްކުރިކަމަށެވެ. ނަމަވެސް ކޮޅަށް އަންނަ ބޯޅަތައް ވަނުމަކީ އަދިވެސް މައްސަލައެއްކަމަށެވެ.
" ފަހުވަގުތާ ހަމައަށްވެސް ކުޅުންތެރިން މޮޅުވާން މަސައްކަތްކުރިތަން ފެނުނު، އެއީ ހިތްހަމަޖެހުމެއް. ދެން ރަނގަޅަށް ކުޅެ ބައިވަރު ފުރުޞަތުތައްވެސް ތަނަވަސްކުރި. މައްސަލައަކީ ފީކަޅާ ދެގޯލް ކޮޅަށް ވަނުން. ބައިކޮޅަށް އަންނަ ބޯޅަތައް ގޯލަށް ވަނުން ހުއްޓުވަން ޖެހޭ " މެޗަށްފަހު މޯހަން ބުންޏެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ އެންމެ ފަހުން މެޗާ އަޅާބަލާއިރު ގިނަ ކަންތައްތަކެއް ރަނގަޅުކަން ފެނުނު ކަމަށާއި، މައްސަލައަކީ އާދައިގެ ދެ ގޯލް ވަނުން ކަމަށެވެ.
" އާދައިގެ ދެ ގޯލް ވަދެގެން މިބަލިވީ. އެންމެ ފަހުން ކުޅުނު މެޗުތަކާ ބަލާއިރު ކަންތައްތަކެއް ރަނގަޅުކޮށް ފެނުނީ. އަދިވެސް މެޗަށް ދޭންވާ ކޮންސެންޓްރޭޝަން ނުދެވޭ. ފަހު ދެގޯލް ވަނީ އެހެންވީމަ. އެކަމަކު ކުރީ މެޗުތަކާ ބަލާއިރު މިސްޓޭކްތައް މަދު " ނަޒީހު ބުންޏެވެ.
މިމޮޅާއެކު އީގަލްސް ވަނީ 11 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް މާދަމާ ގްރީން ބަލިކޮށްގެން އެމަޤާމް އަލުން ހޯދުމުގެ ފުރުޞަތު ނިއުރޭޑިއަންޓަށް އެބައޮތެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 6 ޕޮއިންޓާއެކުއެވެ.