ޚަބަރު

ރަސްރަނި ބަގީޗާގައި ހަދާ ވިންޓަރ ތީމް ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވަނީ


ރަސްރަނި ބަގީޗާގައި ހަދާ ވިންޓަރ ތީމް ޕާކްގެ މަސައްކަތް ނިންމާ އަންނަ ފިޠިރު ޢީދު ދުވަހު ހުޅުވާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ވިންޓަރ ތީމް ޕާކްގެ މަސައްކަތް ލަސްވީ، އެތަނުގައި އަޅަންޖެހޭ ކޭބަލް ގެނައުމުގައި ދިމާވި ޑިލޭއެއްގެ ސަބަބުން ކަމަށާއި، ނަމަވެސް މިހާރު އެ މަސައްކަތް ނިމިފައިވާކަމަށެވެ. ވިންޓަރ ތީމް ޕާކް ޢިމާރާތުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު ރަމަޟާންމަހުގެ ކުރިން އެ ޢިމާރާތުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްކޮށް ނިންމާލެވޭނެކަން މިނިސްޓަރ ފަހަގަކުރެއްވިއެވެ.

ރަސްރަނި ބަގީޗާއަކީ މާލޭ ރީ -ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، ވިންޓަރ ތީމް ޕާކް ހިންގަން ނިންމާފައިވަނީ ސެފް ސަސްޓެއިނަބަލް މޮޑެލްއަކަށް ކަމަށެވެ. އެގޮތުން އެތަނުގައި ކެފޭ ހެދުމަށް ނިންމާފައިވާކަމަށާއި ކެފޭ ހިންގާ ފަރާތުން ވިންޓަރ ތީމް ޕާކްގެ ހުރިހާ ޚަރަދެއް ބަލަހައްޓާނެކަމަށެވެ. އަދި ކެފޭ ހިންގާނެ ބަޔަކު ހޯދަން އަންނަ ހަފްތާގައި އިޢުލާންކުރާނެ ކަމަށެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ ކެފޭ ހިންގާ ފަރާތާއި ތީމް ޕާކު ހިންގުން ހަވާލުކުރާގޮތަށް ނިންމީ އެތަން ހިންގުމުގައި ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް ހިންގޭނެ ގޮތެއް ރޭވުމަށެވެ.

"އެތަނުގެ ކަރަންޓާ އެތަނުގެ ފެނާ އެ ހުރިހާ މެއިންޓަރނަންސް ޚަރަދެއް ބަލަހައްޓަން ޖެހޭނީ ކެފޭ ނަގާ ފަރާތުން. އެހެންވީމަ ސަރުކާރުގެ ބަޖެޓަކަށް ނާންނާނެ އެއްވެސް ބުރައެއް ވިންޓަރ ބިލްޑިންގ ހިންގާކަށެއް. އަދި އޭގެ އިތުރުން އެތަނުގެ އެންޓްރެންސް ފީއާއި އެތަނުގެ އެތެރޭގައި ސްލައިޑް ކުރަން ހުންނަ ސްލައިޑްވިއަސް އައިސް ކޭޓްކުރަން ހުންނަ ރިންގުވިޔަސް މިތަންތަން ބެލެހެއްޓުމާ މުޅިތަން މެނޭޖުކުރުމާ އެކީގައި ސެލްފު ސަސްޓެއިނެބަލް މޮޑެލަށް ކެފޭއެއް ހިންގުމަށް އަޅުގަނޑުމެން އަންނަ ހަފްތާގައި އިޢުލާންކުރާނަން. އެ ކެފޭއާއެކީ ވިންޓަރ ބިލްޑިންގ ހުޅުވުން އެ އިޢުލާންގައިވެސް ޝަރުތުކޮސްފައި އިންނާނެ ފިތުރު ޢީދުދުވަހު ހުޅުވަންޖެހޭނެކަމަށް. އެހެންކަމުން އިރާދަކުރެއްވިއްޔާ އެއީ ޔަޤީން ޑޭޓްކަމަށް މިބަލަނީ" މިނިސްޓަރ ވިދާޅުވިއެވެ.

ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. އަދި މިތަނަކީ ފިނިހޫނުމިން ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭގޮތަށް ތައްޔާރުކުރާ ޕާކެކެވެ. ވިންޓަރ ތީމް ޕާކަށް ބޭނުންވާ ޢިމާރާތް ޑިޒައިންކޮށް، ތައްޔާރުކޮށްފައިވަނީ ފަރަންސޭސިވިލާތާއި ސުވިޒަލޭންޑުގެ 2 ކުންފުންޏަކުން ރާއްޖެއައިސް ސަރވޭ ކުރުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.