ކުޅިވަރު

ވިމެންސް ފުޓްސެލް ފިއެސްޓާގެ ފައިނަލްގައި ޕޮލިހާއި އެމްޕީއެލް


އެއިޓީން ތަރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ޕޮލިސް ކްލަބާއި އެމް.ޕީ.އެލް ދަތުރުކޮށްފިއެވެ.

މިދެޓީމް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބަލިކުރުމަށް ފަހުއެވެ. މިމެޗު ޕޮލިސް ކްލަބް ކާމިޔާބުކުރީ 5-2 ނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެނަކަ ޓީމުންނެވެ. ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަހުލާއެވެ.
ޕޮލިސް ކްލަބުން މެޗުގެ ނަތީޖާ ހަމަ ހަމަކުރީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާ އަނިތާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޕޮލިސް ކްލަބުން ޖެހި ފަސް ލަނޑުވެސް ޖަހާފައިވަނީ އެޓީމުގެ ބިދޭސީ ދެ ކުޅުންތެރިންނެވެ. އެގޮތުން އެޓީމުން ޖެހި ފުރަތަމަ ލަނޑާއި ފަހު ލަނޑު އަނީތާ ކާމިޔާބުކުރި އިރު އަނެއް ތިން ލަނޑު ޖަހާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ސަބިތްރާ ބަންޑާރީއެވެ.

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމް.ޕީ.އެލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކަސްޓަމް ސާވިސަސް ރެކްރިއޭޝަން ކްލަބް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އެމް.ޕީ.އެލް މެޗު ކާމިޔާބުކުރީ ދިހަ ލަނޑު އެއް ލަނޑުންނެވެ.
މެޗުގައި އެމް.ޕީ.އެލްގެ ޝާމިލާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީވެސް ޝާމިލާއެވެ.

ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ. މިމެޗުތައްވެސް ޕީ.އެސް.އެމްގެ ޔެސް ޓީ.ވީއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.