ކުޅިވަރު

ޤައުމީ ކްރިކެޓް ޓީމް ތަމްރީނު ހޯދަން ސްރީލަންކާއަށް ހިނގައްޖެ


2020 ވަނަ އަހަރު އޮންނަ އައިސީސީ ވޯލްޑް ޓީ20 އޭޝިޔާ ސަބް ރީޖަނަލް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެންމެ ފަހުގެ ތަމްރީންތަކަށް ޤައުމީ ކުރިކެޓް ޓީމު ސްރީލަންކާއަށް ހިނގައްޖެއެވެ.

ދިވެހި ޓީމް ކޮލިފައިންއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައިވަނީ މީގެ ފަސް މަސް ކުރިންނެވެ. ތަމްރީން ދަތުރުގައި ރާއްޖޭގެ ޓީމް ފަސް މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ސަބްރީޖަނަލް ކޮލިފައިން ރާއްޖެ ހިމެނޭ ގުރޫޕް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައެވެ. ޤައުމީ ކުރިކެޓް ޓީމް ލަންކާ އަށް ފުރުމުގެ ކުރިން ޓީމްގެ ކޯޗު ނީޝާމް ނާސިރު ބުނީ މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖޭގެ އަމާޒަކީ ގުރޫޕްގެ ދެވަނަ ޓީމްގޮތުގައި ކޮލިފައިވުން ކަމަށާއި، ޓީމް އޮތީ އެއަމާޒަށް ވާސިލްވުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި ޓީމްގެ ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެރިން އަނިޔާގެ ސަބަބުން ޓީމާ ވަކިވާ ޖެހުނަސް ހުރިހާ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އެބޮތްކަމަށެވެ.

" އަޅުގަނޑުމެން ބަލިކޮށްފަ ހުރި ޓީމްތައް ގުރޫޕްގައި ގިނައީ، އެހެންވެ އެމީހުންގެ ( ވާދަކުރާ ޓީމްތައް ) މައްޗަށް ކާމިޔާބުހޯދޭނެ ކަމުގެ ޔަޤީންކަން ބޮޑު. ތައްޔާރުވުންތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ، ހަފްތާއަކު ހަތަރު ގަޑިއިރު ހަ ދުވަހު ޕްރެކްޓިސް ކުރެވިއްޖެ ' ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

އޮސްޓްރޭލިޔާގެ ތިންވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ މެލްބަންގެ ކާލްޓަން ކުރިކެޓް ކުލަބާއެކު ތަމްރީންތައް ހެދި ޤައުމީ ކުރިކެޓް ޓީމްގެ ކެޕްޓަން ހަސަން އިބްރާހީމް ބުނީ ޓީމްގެ އަމާޒެއް އެބޮތް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށެވެ.

" ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު. އަމާޒަށް ވާސިލުވުމަށް ކުޅުންތެރިން ތިބީ ތައްޔާރަށް" ހަސަން ބުންޏެވެ.

މިމަހު 18-26 އަށް ކުވައިތުގައި އޮންނަ ކޮލިފިކޭޝަން ބުރުގައި ރާއްޖެ ވާދަކުރާނީ މެދުއިރުމަތީގެ ޤައުމުތަކާއެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި ކުވައިތުގެ އިތުރުން ދެން ހިމެނެނީ ބަހްރެއިން، ޤަތަރު، ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއްޔާއެވެ. ކޮލިފައިންގައި ކުޅުމަށް ކޮންމެ ގުރޫޕަކުންވެސް ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.
މިއީ ރާއްޖެ ކޮލައިފައިންގައި ވާދަކުރާ ތިންވަނަ އަހަރެވެ.