ކުޅިވަރު

ކްލަބް މޯލްޑިވްސްކަޕްގެ ސެމީފައިނަލްގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކްލަބް އެޗްޑީސީއާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ކަށަވަރުކޮށްފިއެވެ.

ސެމީގެ ފަހު ދެ ޖާގަ އެ ދެޓީމުން ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓަރ ފައިނަލުގެ މެޗުތަށް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ރޭ ކުޅުނު ކުއާޓަރ ފައިނަލުގެ ތިންވަނަ މެޗު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ކާމިޔާބުކުރީ ދިރާގާއި ވާދަކޮށް 4-1 ލަނޑުންނެވެ. މި މެޗުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ލިޔާހުއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފްއެވެ. މެޗުގައި ދިރާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިފާއުއެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ އެލައިޑް އާއި ކްލަބް އެޗް.ޑީ.ސީ. މި މެޗު އެޗް.ޑީ.ސީ ކާމިޔާބުކުރީ 5-3 ލަނޑުންނެވެ. މި މެޗުގައި އެޗްޑީސީގެ އަބްދުﷲ ޝާފިއު ތިން ލަނޑު ޖަހާ، ހެޓްރިކް ހެދިއެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަކްރަމް އަބްދުއް ރަޝީދު އާއި އިބްރާހިމް މުބީން އަހުމަދު ރަޝީދުއެވެ. އެލައިޑުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝުޖާއުއެވެ.

މި ނަތީޖާއާއެކު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ނިކުންނާނީ ކްލަބް އެޗް.ޑީ.ސީ އާއި ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި މޯލްޑިވިއަން އާއި ދެކޮޅަށް ނިކުންނާނީ އެމް.ޕީ.އެލްއެވެ.

މީގެ އިތުރުން އެއިޓީން ތާޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ މެޗުތަށް މިރޭ ކުޅޭނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ނިކުންނާނީ ޓީމް ފެނަކައާއި ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެމް.ޕީ.އެލް ބައްދަލުކުރާނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއެވެ.