ޚަބަރު

ސިޔާސީ ޕާޓީތަކަށް އަންނަ މަހު ފައިސާ ދޫކުރަނީ


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނެފައިވަނީ، ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭނެކަމަށެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން ނުވަދިހަ ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލްކުރާ އޮޑިޓަރަކު މެދުވެރިކޮށް އޯޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށައަޅަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލުކުރަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނޭނެ ކަމަށް ޤަނޫނޫގައި ވެއެވެ. އެހެންކަމުން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ޤާނޫނުގައި ކަނޑައަޅަފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވަނީ ހަ ސިޔާސީ ޕާޓީއެވެ. އެއީ ޕީޕީއެމްއާއި އެމްޑީޕީއާއި އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ޑީއަރުޕީއެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިހަ ހާސް މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެވެ. އެއީ ޕީޕީއެމްއާއި އެމްޑީޕީއާއި އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރަނީ ދައުލަތުގެ ބަޖެޓުން 0.1 އިންސައްތަ އާއި 0.2 އިންސައްތަ އާ ދެމެދުގެ ޢަދަދެކެވެ.