އެއްވެސް ސިޔާސީ ޕާޓިއެއްގެ އަމިއްލަ ޒާތީ މަޢޫލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެކޮމިޝަނުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ނިންމީ، ޕާޓީތަކުގެ ހިންގުމުގެ ކަންކަމާއި، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާބެހޭ މަޢުލޫމާތު ސިޔާސީ ޕާޓީތަކަށް ދިނުމަށްކަމަށެވެ. އެއްވެސް ސިޔާސީ ޕާޓިއެއްގެ ފަރާތުން އެނޫން އެއްވެސް މަޢުލޫމާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްނުކުރާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ، ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ދެއްވި ދަޢުވަތުގެ ހަޤިޤީ މަޤުޞަދު ސާފު ނުވާކަމަށްއިދިކޮޅު ޕާޓީތަކުން ބުނެފައިވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީގައި ބައްދަލުކުރަން ބޭނުންވާ މަޤްޞަދު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓިތަކުން ވަނީ ޕާޓިތަކުގެ ބައްދަލުވުމަށް ނުދާނެކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، މިއަދާއި މާދަމާ ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމަށް ކޮންމެ ޕާޓީއަކަށް ވަގުތެއް ކަނޑައަޅައި އަންގާފައިވަނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ބައްދަލުވުން މިއަދު ހެނދުނު ނުވަގަޑި ތިރީހުގައި ބާއްވަން ޝެޑިއުލްކުރި ނަމަވެސް އެބައްދަލުވުމަށް ނުދާނެކަމަށް އެޕާޓީންވަނީ އިލެކްޝަންސް އެކޮމިޝަނަށް އަންގާފައެވެ. އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓިއަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށާއި ޝެޑިއުލާ އެއްގޮތަށް ހުރިހާ ޕާޓީތަކުންވެސް ބައްދަލުވުމަށް އައުމަށް އެކޮމިޝަނުން އެދޭކަމަށެވެ.
""އަޅުގަނޑުމެން ޕާޓީތަކަށް ދަޢުވަތު ދިނީ ޕާޓީތައް ހިންގުމުގެ ކަންކަމާ މަޝްވަރާކުރުމަށާ މީގެ އިތުރުން މިއަހަރު އޮންނަ ރިޔާސީ އިންތިޚަބު ކައިރިވެފައިވާއިރު މި ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަޢުލޫމާތުތައް އެޕާޓީތަކަށް ހިއްސާކުރުމަށް. އެއްވެސް ހާލެއްގައި ޕާޓީތަކުގެ އެހެން މަޢުލޫމާތު ހޯދާކަށް މަސައްކަތެއްނުކުރަން."އަޙްމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަނުން ކުރިން ހުރިހާ ޕާޓީތަކާއެކު އެއްފަހަރާ ބައްދަލުކުރަން ނިންމި ނަމަވެސް މިހާރު ކޮމިޝަނުން ނިންމާފައިވަނީ ޕާޓީތަކާއެކު ވަކިވަކިން ބައްދަލުކުރުމަށެވެ. އެގޮތުން ކޮންމެ ޕާޓީއަކުން 4 މަންދޫބުންނަށް މިބައްދަލުވުމުގައި ބައިވެރި ވެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށް އެކޮމިޝަނުންވަނީ ހާމަކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވާނެކަން އެކޮމިޝަނުންވަނީ އިޢުލާންކޮށްފައެވެ.